ސިއްދީގަކީ ސިޔާސީ ޖެނެރަލެއް: އުމަރު ނަސީރު
ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސިއްދީގަކީ ސިޔާސީ ޖެނެރަލެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ރޭ އޮތް ސިއްދީގުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއް އާޓިފިޝަލް ބީޗްގައި އޮއްވާ އެމްޑީޕީގެ ފަރާތްތަކުން އައިސް އެ ސަރަހައްދަށް އަރައިގަތް ކަމަށެވެ. އެގޮތުން އެތަނުގައި ބޮޑު ތަޅާފޮޅުންގަނޑެއް ހިނގަމުންދިޔައިރުވެސް، ސިއްދީގް ހުންނެވީ އެތަނުގައި މައިކް ހިފައިގެން ވާހަކަފުޅު ދައްކަވަން ކަމަށާއި، އެމްޑީޕީގެ ފަރާތްތަކުން މައިކްގެ ވާގަނޑު އުުފުރާލަންދެން ސިއްދީގް އެގޮތަށް ހުންނެވިކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ސިއްދީގަކީ ސިޔާސީ ސިފައިންގެ ބިންމަތީ ޖެނެރަލްއެކޭ އިނގޭތޯ" އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތެއް އިންނަ ކަމުގައިވާނަމަ ފުރަތަަމަ ބައިންދަން ޖެހޭ ފަރާތަކީ ސިއްދީގް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި އިންނަ ނަމަ ކޮންމެހެންވެސް ސިއްދީގް މަޖިލީހުގައި އިންނަންވާނެކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް