13އަހަރުގެ ކުއްޖާ ކައިވެނިކުރިކަން އެނގިފައެއް ނެތް: ޖެންޑާ އަދި ފުލުހުން
13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުގައި "ކައިވެނިކޮށް" ކުއްޖަކު ވިހެއި ކަމަށް ބުނާ މައްސަލައިގައި އެކުއްޖާ ކައިވެނިކުރިކަން އެނގިފައި ނުވާކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
އެފަރާތުން މިހެން ބުނެފައިވަނީ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް ތަހުގީގަށް ހޯދިފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު، ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި މިކުއްޖާ ގުޅިފައިވާކަން އެނގެން ނެތްކަމަށެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމްކޮށްފައިވާކަމުގެ މައުލޫމާތު 2018ވަނަ އަހަރުގެ ޖޫންމަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނުކަމަށެވެ. އެއަށްފަހު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން އެ މައްސަލަ ގާތުން ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހިމެނޭ އާއިލާއަކީ ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަމުން އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާާ ތައުލީމުގެ ފުުރުސަތު ފަހިކޮށްދިނުމާއި ސިއްހީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ހައްގުން މަހުރޫމްވެފައިވާކަން ފާހަގަކުރެވި، އެކަންކަން ހައްލުކޮށް، ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަަސައްކަތް ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
މި ބަޔާން ނިންމާލަމުން ވަނީ ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިޔުމާއި އޭގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިޔުމަކީ ސަރުކާރުން އަޅައި ނުލައި ދޫކޮށްނުލާނެ، އަދި ގާނޫނީ ފިޔަވަޅު އަޅާނެކަމެއްކަމަށް ބުނެފައެވެ.
ޖެންޑާއާއި ފުލުހުން މިހެން ބުނެފައިވާއިރު އެ ކުއްޖާާ 26އަހަރުގެ ފިރިހެނަކާއި ގާނޫނުން ބޭރުން ކައިވެނިކޮށް ކުއްޖަކު ވިހާފައިވާކަމަށް ބުނެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް