ރައީސްގެ އިލްތިމާސް: ކޮންމެ ކަމަކަށް ވުރެ އިސްކުރަންވީ ގައުމު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ކޮންމެ ކަމަކަށް ވުރެ ގައުމު އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހާއްސަ ވަގުތު އެމަނިކުފާނުގެ ވަރަށް މުހިންމު އިލްތިމާސެއްވާ ކަމަށެވެ. އެމަނިކުފާނުގެ އިލްތިމާސަކީ ގައުމު އިސްކުރުމުގެ އަޒުމު ކަނޑައެޅުން ކަމުގައި ވިދާޅުވި އެވެ.

ދިވެހީންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވަމުން، އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސަބަށްވުރެ ގައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ގައުމު ވާސިލުކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އާ ޓާމިނަލަކީ ވެސް، ތަރައްގީއަށް ވާސިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ހާސިލުކުރެވޭ ކާމިޔާބީގެ ރަމްޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގައި ޢަޒުމް ކަނޑައަޅަންވީ,"

ރައީސް ވިދާޅުވީ ގައުމު އިސްކޮށްގެން މަސައްކަތްކޮށްފިނަމަ އާ ޓާމިނަލް ފަދަ ތަަރައްގީގެ ކިތަންމެ މަޝްރޫއުއެއް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އަދި އެންމެން އެއްބައިވެ މަސައްކަތްކޮށްފިނަމަ ވަށާޖެހޭ ތަރައްގީ ދާދި ފަސޭހައިން ހާސިލުވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ދިވެހީން. ފަހުރުވެރި މާޒީއެއް އޮތް ފަޚުރުވެރި ދިވެހިން. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ވުރެ އިސްވާންވީ ދިވެހި ޤައުމު," ރައީސް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް