ހަންގޭރީގެ އިންތިޚާބީ ބޮޑުވަޒީރު ޕީޓާ
ހަންގޭރީގެ އިންތިޚާބީ ބޮޑުވަޒީރު ޕީޓާ
ދުނިޔެ 21 Apr 2026 | 02:52

ހަންގޭރީގެ ފަސްގަނޑަށް އަރައިފިނަމަ، ނަތަންޔާހޫ ހައްޔަރު ކުރާނަން: އިންތިޚާބީ ބޮޑުވަޒީރު ޕީޓާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން ހޯދަން އިޢުލާންކޮށްފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަންގޭރީގެ ފަސްގަނޑަށް އަރައިފިނަމަ، އޭނާ ހައްޔަރުކުރައްވާނެ ކަމަށް އެ ޤައުމުގެ އައު ބޮޑުވަޒީރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޕީޓަރ މަގްޔާރު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވިކްޓަރ އޯބަންގެ 16 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސް، ޕީޓާ މަގްޔާރުގެ 'ޓިޒާ' ޕާޓީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ޕީޓާ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހަންގޭރީއަކީ އައި.ސީ.ސީގެ މެންބަރު ޤައުމަކަށް ވާއިރު، އެ ކޯޓުން ހޯދަން ބޭނުންވާ މީހަކު އެ ޤައުމަށް ވަދެއްޖެނަމަ ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް އެމީހަކު ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ.

އައި.ސީ.ސީން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ. ނަމަވެސް، ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު އޯބަންގެ ސަރުކާރުން ވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ނަތަންޔާހޫ ބުޑަޕެސްޓަށް ކުރި ދަތުރުގައި އޭނާ ހައްޔަރުކުރުމަށް އިންކާރުކޮށްފައެވެ.

އޯބަންގެ ސަރުކާރުން އޭރު ނިންމާފައިވަނީ އައި.ސީ.ސީން ވަކިވުމަށެވެ. ނަމަވެސް، އަންނަ މެއި މަހުގެ ކުރީކޮޅު މަގާމާ ހަވާލުވެވަޑައިގަންނަވާ ޕީޓާ މަގްޔާރު ވަނީ، އައި.ސީ.ސީން ވަކިވުމަށް ފަށާފައިވާ މަރުޙަލާ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ކުރިން ހުއްޓުވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. ޕީޓާ މަގްޔާރުގެ ޤާނޫނީ ލަފާދޭ ބޭފުޅުން ވިދާޅުވާ ގޮތުގައި، ހަންގޭރީ އެ ކޯޓުން ވަކިވުމުގެ ކަންކަން އަދި ނިމިފައެއް ނުވެއެވެ.

މި ބަދަލާއެކު، އިޒްރޭލާއެކު އޮތް ގުޅުމަށް ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. އަދި އައު ސަރުކާރަކީ ވިލާތުގެ އިއްތިހާދަށް އެއްބާރުލުންދޭ ސަރުކާރަކަށް ވާނެތީ، ޔޫކްރެއިނަށް ދޭން ކަނޑައަޅާފައިވާ 105 ބިލިއަން ޑޮލަރުގެ ލޯނު ދޫކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް