ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒު ހޯލުގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
އަދި ދ.ވާ ނީގައި ހިންގާ ފުލުހުންގެ ތަމްރީނުދޭ މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގައި ތަމްރީނުދެވޭ ތަނަކަށް ހައްދަވާނެކަމުގައިވެސް އެމަނިކުފާނުވަނީ ވިދާޅުވެފަ އެވެ. ހަމަމިއާއެކު، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތްތައް ދެވޭނެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް، އަންނަ އަހަރުތެރޭގައި ނިންމާލުމަކީ އަމާޒެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންވެސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ޤާނޫނީ ބަދަލުތައް ގެނައުން ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތުގެ ތަރައްޤީ ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފުލުހުން ކުރައްވާ ގުނާ ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ، މާނަހުރި، ދާއިމީ ބަދަލެއް މުޖުތަމަޢަށް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއި، ހެޔޮނިޔަތާ، ޤައުމީ ލޯތްބާއެކު ކުރައްވާ ކަމަކަށް އެކަންކަން ވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް