ހުރިހާ ޓެކްސީތަކެއް އެއް ޑިޒައިނަކަށް ބަދަލުކުރަން ވިސްނަން: ޓްރާސްޕޯޓް
ރާއްޖޭގައި ޓެކްސީގެ ހިދުމަތް ހޯދާފަރާތްތަކަށް ފަސޭހަކުރުމަށް ހުރިހާ ޓެކްސީއެއް އެއް ޑިޒައިނަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއްޑިޒައިނަކަށް ޓެކްސީ ބަދަލުކުރަން ވިސްނަވަނީ ޓެކްސީ ކުރުމަކީ އާއްމުންނާއި ގުޅިފައިވާ ހިދުމަތަކަށްވެފައި އެ ހިދުމަތް ލިބިގަންނަ ފަރާތްކަށް ފަސޭހަވާނެތީކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވެފައިވެއެވެ.
އާދިލް އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި ޓެކްސީތަކާއި ޕްރައިވެޓް ކާރުތައް ހުންނަނީ އެއްގޮތަކަށް ކަމުން ބައެއް ފަރާތްތަކުން ޕްރައިވެޓް ކާރުތަކަށްވެސް މަގުމަތުން އަތް ނަގާ ހަދާކަމަށެވެ.
އެހެންކަމުން ހުރިހާ ޓެކްސީއެއް އެއް ސްޓިކާތަކާ ޑިޒައިނަކަށް ބަދަލުކުރެވިގެންދާއިރު ހުރިހާ ޓެކްސީއެއް ހުންނާނީ ވަކިކުލައެއްގައިކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ. އަދި މިއާއެކު ޓެކްސީ ޑްރައިވަރުންނަށް ވަކި ޔުނީފޯމެއް ބޭނުން ކުރާގޮތަށް ހަމަ ޖެއްކުމަކީވެސް މިނިސްޓްރީގެ ވިސްނުމެއްކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިކަންކަން ކުރާނީ އެފަރާތްތަކަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހުކަން އާދިލްވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ޓެކްސީ ބޭނުންކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ޓެކްސީ ނުލިބޭ މައްސަލައާއި ޓެކްސީ ދަތުރުތަކަށް ޑްރައިވަރުން ބޭނުން އަގެެއް ނަގާމައްސަލައެވެ. ނަމަވެސް މިހާތަނަށް މިދެކަމަށް ވެސް މިނިސްޓްރީން ވަނީ އެދެވޭ ބަދަލުތަކެއް ނުގެނެވިއެވެ.
ޓެކްސީތަކާއި ބެހޭ ޤަވާއިދާއި މައްސަލަތަކަށް ހައްލު ގެނައުމަށް މިހާތަނަށް މިނިސްޓްރީން ވަނީ ފޯރަމް ބާއްވައި، ޑްރައިވަރުންނާއި ޢާންމުންގެ ހިޔާލު ހޯއްދަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް