އުމުރުން 42 އަހަރުގެ ލޯރީ ޑެންމަން
އުމުރުން 42 އަހަރުގެ ލޯރީ ޑެންމަން
ދުނިޔެ 02 Jul 2026 | 05:25

ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް؛ ތަހުލީލުން އެނގުނީ އޫރުމަސް ކެއުމުން ވީކަމެއްކަން

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިންޑިއާއަށް ކުރި ތިން މަސް ދުވަހުގެ ދަތުރަކަށްފަހު، އިނގިރޭސިވިލާތުގެ އަންހެނެއްގެ ސިކުނޑިން 38 ޕެރަސައިޓް (ފަންޏާއި ފަނި އަޅާފައިވާ ބިސް) ފެނި، އޭނާގެ ފުރާނައަށް ނުރައްކާވެ، ނަފްސާނީ ބޮޑެތި ބަލިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އުމުރުން 42 އަހަރުގެ ލޯރީ ޑެންމަންއަށް މި ބަލީގެ ފުރަތަމަ އަލާމާތް ފެނުނީ ފާޚާނާއަށް ދިޔަ ވަގުތު އޭނާގެ ހަށިގަނޑުން އެއް މީޓަރު ދިގު "ޓޭޕްވޯމް" ނުވަތަ ފަންޏެއް ބޭރުވުމުންނެވެ. އޭނާ ކިޔައިދިން ގޮތުގައި އެ ފެނުމުން އޭނާ ވަރަށް ބޮޑަށް ބިރުގަތެވެ. ނަމަވެސް އޭރު ޓެސްޓުތަކުން އެއްވެސް މައްސަލައެއް ނުފެނުމުން އޭނާ ދިރިއުޅުން ކުރިއަށް ގެންދިޔައީއެވެ.

މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.

މި ބައްޔަށް ކިޔަނީ "ނިއުރޯސިސްޓިސަރކޯސިސް" އެވެ. މިއީ އާންމުކޮށް އިނގިރޭސިވިލާތުން ފެންނަ ބައްޔެއް ނޫން ކަމަށް ޑޮކްޓަރުން ބުނެއެވެ. މި ބަލީގެ ސަބަބުން ލޯރީއަށް ވަރަށް ބޮޑަށް ބޮލުގައި ރިއްސުމާއި، ފިޓުޖެހުމުގެ މައްސަލަތައް ކުރިމަތިވިއެވެ. 2011 ވަނަ އަހަރު އޭނާއަށް ފުރަތަމަ ފަހަރަށް ފިޓުޖެހި، އެމް.އާރު.އައި ސްކޭން ހެދުމުން އޭނާގެ ސިކުނޑީގައި 38 ޕެރަސައިޓް ހުރިކަން އެނގުނެވެ.

މި ބަލީގެ ސަބަބުން ލޯރީގެ ނަފްސާނީ ދުޅަހެޔޮކަންވެސް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އޭނާއަށް ޕެރެނޯއިއާ އަދި ސައިކޯސިސް ފަދަ ނަފްސާނީ ބަލިތައް ޖެހި، އަމިއްލަ ނަފްސަށް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ކަންތައްތައް ދިޔައެވެ. އޭނާގެ އެކުވެރިން ކިޔައިދިން ގޮތުގައި، އެ ދުވަސްވަރު ލޯރީގެ އުޅުން ހުރީ ވަރަށް ކުޑަ ކުއްޖެއް ފަދައިންނެވެ.

ގިނަ އަހަރުތަކެއްގެ ފަރުވާއަށްފަހު، މިހާރު އެ ފަނިތައް ވަނީ އޭނާގެ ސިކުނޑީގައި މަރުވެ "ކެލްސިފައި" ވެފައެވެ. އެތަކެތި ނެގުމަށް އެއްވެސް ސާޖަރީއެއް ހަދާފައެއް ނުވެއެވެ. 2017 ވަނަ އަހަރަށްފަހު އޭނާއަށް ފިޓުޖެހުމުގެ މައްސަލައެއް ދިމާނުވި ނަމަވެސް، މުޅި އުމުރަށް ފިޓުޖެހުމުން ސަލާމަތްވުމަށް ބޭސް ބޭނުންކުރަން ޖެހޭނެއެވެ.

ލޯރީ މިހާރު މަސައްކަތް ކުރަމުންދަނީ އޭނާއަށް ދިމާވި މި ހިތްދަތި ތަޖުރިބާގެ އަލީގައި، މިފަދަ ބަލިތަކަށް މީހުން ހޭލުންތެރިކުރުވުމަށެވެ. އޭނާ ބުނީ އަލުން ސިއްހަތު ސަލާމަތުން ހުރީތީ ވަރަށް އުފާކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް