ބަރަބޯ ތޮށި
ބަރަބޯ ތޮށި
ލައިފްސްޓައިލް 20 Sep 2026 | 03:25

މޭވާއާއި ތަރުކާރީގެ ތޮށި އުކާލުމުގެ ބަދަލުގައި ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދޮންކޭލެއް ކޮންމެ ފަހަރަކު ކާއިރު، އޭގެ ކެވޭ ބައިގެ ތިންބައިކުޅަ އެއްބައި އެއްވެސް ބޭނުމެއް ނެތި އެއްލައިލުމަކީ އާއްމުކޮށް ކުރެވޭ ކަމެކެވެ. ދޮންކެޔޮ ތޮށްޓަކީ އޭގެ މުޅި ބަރުދަނުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށްވާއިރު، އަހަރެމެން އެ އެއްލައިލަނީ އެއްވެސް ވިސްނުމެއް ނެތިއެވެ.

ދޮންކެޔޮ ތޮށްޓަކީ ކެވޭ އެއްޗެއްގެ އިތުރުން ގިނަގުނަ މުހިންމު ނިއުޓްރިއެންޓްސް އެކުލެވޭ އެއްޗެކެވެ. މިއީ ހަމައެކަނި ދޮންކޭލުގެ ވާހަކައެއް ނޫނެވެ. އޮރެންޖަކަށް ބަލާއިރު އޭގެ 20 އިންސައްތައަކީ ތޮށްޓެވެ. ދިރާސާއަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ގާތްގަނޑަކަށް 15.1 މިލިއަން ޓަނުގެ އޮރެންޖު ތޮށި އުކާލާފައިވެއެވެ. ކީވީއެއްގެ 9-13 އިންސައްތައަކީ ތޮށި ކަމުގައިވާއިރު، އަންނާރެއްގެ  އޮށްތަކާ އެއްވަރަށް ތޮށި ހިމެނެއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.

އޮރެންޖު ތޮށި

އޮރެންޖު ކެއުމަށްފަހު އޭގެ ތޮށި ބޭނުންކޮށްގެން ފަސޭހަކަމާއެކު ގޭގައި 'މާމަލޭޑް' ޖޭމް ތައްޔާރުކުރެވިދާނެއެވެ. އޮރެންޖު ކައްކައި، އޭގެ ދިޔަ ފުރާނާލުމަށްފަހު، ހަކުރު އަދި ތޮށިކޮޅުތައް އަޅައިގެން އޮލަވަންދެން ކެއްކުމުން މާމަލޭޑް ތައްޔާރުވެއެވެ. މިއީ ޕާނުގައި އުނގުޅައިގެން ނުވަތަ 'ގްރީކް ޔޯގަޓް' އާއެކު ކާން ވަރަށް މީރު އެއްޗެކެވެ.

މީގެ އިތުރުން، އޮރެންޖު ތޮށި ކުދިކޮށް ކޮށާލުމަށްފަހު، ހިތި ރަހަ ފިލުވުމަށް ތިން ފަހަރަށް ފެނުކައްކައި ދޮވެލާށެވެ. އެއަށްފަހު ހަކުރު ފެނުގައި ކައްކާލުމުން މީރު 'ކެންޑީޑް އޮރެންޖް ޕީލް' ތައްޔާރުކުރެވޭނެއެވެ. އަދި ބާކީވާ ފޮނި ފެންގަނޑު މީރު އޮރެންޖު ސިރަޕެއްގެ ގޮތުގައި ބުއިންތަކަށް ބޭނުންކުރެވިދާނެއެވެ.

އިނގުރު ތޮށި

އިނގުރު ތޮށްޓަކީ އެންޓިއޮކްސިޑެންޓް، އެންޓިމައިކްރޯބިއަލް އަދި ވިޓަމިން ސީ، ކެލްސިއަމް އަދި އަޔަން ފަދަ މާއްދާތަކުން ފުރިގެންވާ އެއްޗެކެވެ. ކެއްކުމުގައި އިނގުރު ތޮށި މަށަން ކޮންމެހެން ނުޖެހެއެވެ. ނަމަވެސް ތޮށި ވަކިކުރާނަމަ، އެ ތޮށި ސޫޕްތަކަށް ރަހަ ޖެއްސުމަށް އަޅާލެވިދާނެއެވެ.

އަދި އަވަނުގައި ތޮށިކޮޅުތައް ފިހެލުމަށްފަހު ހިމުންކޮށް މުގުރާލައިގެން އިނގުރު ސައި (ޖިންޖަރ ޓީ) ގިރަން ނުވަތަ ކާތަކެއްޗަށް އަޅަން ބޭނުންކުރެވިދާނެއެވެ.

ބަޓަރނަޓް ސްކޮއާޝް

ބަޓަރނަޓް ސްކޮއާޝް ނުވަތަ ވިލާތު ބަރަބޮލުގެ ތޮށްޓާއި އޭގެ އޮށަކީ ފައިބަރާއި ވިޓަމިނުން މުއްސަނދި، ކެއުމަށް ނުހަނު ރަނގަޅު ބައިތަކެކެވެ. ތޮށި ކުދިކޮށް ކޮށާލުމަށްފަހު، އޮށްތަކާއެކު ތަށްޓަކަށް އަޅައި، ކުޑަ ލޮނުކޮޅަކާއި، ޕެޕްރިކާ، ދިރި އަދި ކުޑަ ޒައިތޫނި ތެޔޮފޮދެއް އެއްކޮށްލާށެވެ.

ދެން އެއަރ ފްރަޔަރއެއްގައި (170 ޑިގްރީގައި) ގާތްގަނޑަކަށް 20 މިނެޓު ވަންދެން ފިހެލުމުން، ވަރަށް މުރަނަ، މީރު އަދި ސިއްހަތަށް ފައިދާހުރި ޗިޕްސްތަކަކަށް ވެގެންދާނެއެވެ. މިއީ ސޫޕްތަކުގެ މައްޗަށް އަޅައިގެން ކާންވެސް ވަރަށް ފުރިހަމަ ސްނެކެކެވެ.

ފިޔާ ތޮށި: ގުދުރަތީ ކުލަ ޖެއްސުން

ފިޔާ ތޮށި އަވަނުގައި ހިއްކައިގެން ޕައުޑަރު ހެދުމުގެ ބަދަލުގައި، އޭގެއިން ގުދުރަތީ ރީތި ކުލަ އުފެއްދިދާނެއެވެ. ފިޔާ ތޮށީގައި ހިމެނޭ 'ފްލެވަނޮއިޑްސް' އަދި 'ޓެނިންސް' ގެ ސަބަބުން ކަފަ ފަދަ ފޮތިތަކުގައި ކުލަޖެއްސުމަށް މިއީ ވަރަށް މޮޅު އެއްޗެކެވެ.

ފިޔާ ތޮށިތައް ފެނުގައި 15 މިނެޓު ވަންދެން ކެއްކުމުން ފެންގަނޑު ގަދަ މުށި/އޮރެންޖު ކުލައަކަށް ބަދަލުވާނެއެވެ. އެއަށްފަހު ތޮށިތައް ނަގައި، ސާފު ފޮތިކޮޅު އެ ފެންގަނޑުގެ ތެރެއަށް ގަޑިއެއްހާއިރު ލައިފައި ބޭއްވުމުން، ގުދުރަތީ ރީތި ކުލައެއް ފޮއްޗަށް ލިބިގެންދާނެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ މިފަދަ ކުދިކުދި ބަދަލުތަކަކީ ކާބޯތަކެތި އިސްރާފުވުން މަދުކޮށް، ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ ބޮޑު ބާރެކެވެ. އަދި ހަމައެއާއެކު، އާންމުކޮށް ކުނީގެ ގޮތުގައި އެއްލައިލާ ތަކެތިން އާއިލާއަށް ބޭނުންތެރި، މީރު އަދި ސިއްހަތަށް ފައިދާހުރި އާ ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދެއެވެ. ދެން ފަހަރަކުން މޭވާއެއް ނުވަތަ ތަރުކާރީއެއް ކޮށާއިރު، އޭގެ ތޮށި ޑަސްބިނަށް އެއްލައިލުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ޖާގަދޭށެވެ!

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް