ތެލް އަވީވްގައި ހުންނަ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޤައުމު ދޫކޮށް ފުރަންގޮސް ތިބި ޔަހޫދީންތަކެއް: ފޮޓޯ: ގެޓީ
ތެލް އަވީވްގައި ހުންނަ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޤައުމު ދޫކޮށް ފުރަންގޮސް ތިބި ޔަހޫދީންތަކެއް: ފޮޓޯ: ގެޓީ
ދުނިޔެ 01 Jan 2025 | 18:15

ހަނގުރާމައިގެ ސަބަބުން، އިސްރާއިލު ދޫކޮށް ދާ ޔަަހޫދީން އިތުރުވެއްޖެ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުންދާ އެކިއެކި ނުތަނަވަސްކަމުގެ ތެރެއިން، އިސްރާއީލް ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަމުންދާ ޔަހޫދީންގެ އަދަދު ވަރަށްބޮޑަށް އިތުރުވެއްޖެއެވެ.

އިސްރާއީލުގެ ތަފާސްހިސާބާ ބެހޭ އިދާރާއިން އެންމެފަހުން އާއްމުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން، ހަނގުރާމައާ ގުޅިގެން މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ޔަހޫދީން ވަނީ އިސްރާއީލް ދޫކޮށް ގޮސްފައެވެ. މިގޮތުން މިދިޔަ އަހަރު އެކަނިވެސް 82،000 ހާހަށްވުރެ ގިނަ ޔަހޫދީން އިސްރާއީލް ދޫކޮށް ވަނީ އެހެން ޤައުމުތަކަށް ހިޖުރަކޮށްފައެވެ. ތަފާސްހިސާބަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޔަހޫދީންގެ ތެރެއިން އިސްރާއީލަށް ހިޖުރަކޮށްފައިވަނީ 33،000 މީހުންނެވެ. އިސްރާއީލްގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ އިސްރާއީލުގައި ޔަހޫދީންގެ އާބާދީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދާނޭ ބޮޑު ނުތަނަވަސްކަމެކެވެ.

ފަލަސްތީނުގެ ބިމަށް އަތްގަދަކޮށް ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ޔަހޫދީން ގެނެސް އެބިމުގައި ޔަހޫދީ ދައުލަތުގެ ނަމުގައި ވަޒަންވެރިކުރުވުމަކީ އިސްރާއީލުން ވަރަށްކުރިންސުރެ ފަށައިގެން އުޅޭ ކަމެކެވެ. އިސްރާއީލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ، ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ބޮޑު މުސީބާތެއް ކުރިމަތިވަމުން އަންނަކަން ފާހަގަކޮށްފައެވެ. މިގޮތުން ހަނގުރާމަ ނުހުއްޓި ދިގުލައިގެން ހިނގައްޖެނަމަ އެކަމުގެ އެންމެބޮޑު ގެއްލުމެއް ލިބޭނީ، އިސްރާއީލަށްކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މިހާރުވެސް އެކި ފަންނުތަކުގެ މީހުން އިސްރާއީލް ދޫކޮށް، އެހެން ޤައުމުތަކަށް ހިޖުރަކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ. މީގެ ތެރޭގައި ބޭސްވެރިކަމުގެ ފަންނުވެރިންނާއި ޓެކްނޮލޮޖީ ދާއިރާގެ މީހުން މިހާރުވެސް އިސްރާއީލް ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ނިބުރުވެރި ސިފައިން ދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި ގިނައިން ޝަހީދުވަނީ ފަލަސްތީނުގެ ކުޑަކުދިންނެވެ. މި ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށާއި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ ޤައުމުތަކުން ގޮވާލަމުންދިޔަ ނަމަވެސް، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިންގެ ކޮމާންޑަރުން ބުނަމުންގެންދަނީ  ހަމަލާތައް ނުހުއްޓާނޭކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް