އެސްއޯ މޯލްޑިވިސް ފަސްޓް ނެޝަނަލް ސްވިމް މީޓް: ކާމިޔާބު ކަމާއެކު ބާއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވިސް) ގެ ފަސްޓް ނެޝަނަލް ސްވިމް މީޓް ބާއްވައިފި އެވެ.
ހުޅުމާލެ ސްވިމިންގ ޕޫލް ޓްރެކްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ނުވަ އިވެންޓަކުން ޖުމްލަ 38 ކުދިން ފަތާފައިވެ އެވެ. އެއީ އަންހެން 9 އެތުލީޓުންނާއި ފިރިހެން 29 އެތުލީޓުންނެވެ.
މިއީ އެސް-އޯ މޯލްޑިވިސް އިން ސްވިމިންގ ކޮމްޕެޓިޝަން ގެންދިޔަ ތިން ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މުބާރާތުންގެ ނަންވެސް ވަނީ "ނެޝަނަލް ސްވިމް މީޓް" އަށް ބަދަލުކޮށްފަ އެވެ.

މި ގޮތުން މުބާރާތުގެ ޤަވާޢިދު އިތުރަށް ހަރުދަނާކޮށް އެތުލީޓުން ވަނީ ޤަވާޢިދުތަކަށް ހޭލުންތެރި ކުރުވާފަ އެވެ.
މި މުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް އެވެ. މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މިނިސްޓަރގެ ނައިބު އިބްރާހީމް ފާއިދު ބައިވެރިވެފައިވެ އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހެޑް އޮފް ރީކޮންސިލިއޭޝަން އަދި ރިޕޯޓިންގް އައިމިނަތު ޖީހާން އާއި ރީކޮންސިލިއޭޝަން މެނޭޖަރ އައިޝަތު މަނާލް ޙާލިދް ވަނީ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރި ވަނަވަނަ އަށް އައި އެތުލީޓުންނަށް މެޑަލް ޙާވާލުކޮށް ދެއްވާފަ އެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ސިކުންޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް 2019 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް މޫވްމަންޓް،ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އިން ދަނީ ވަރަށް ފުޅާދާއިރާއެއްގައި މުޅިރާއްޖޭގައި ސިކުނޑީގެ ނުކުޅޭދުންތެރިކަން ހުންނަ ފަރާތަތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އެކިއެކި ޙާރަކާތްތައް ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް