އިދިކޮޅުގެ އިހުތިޖާޖުގެ ފަސް މީހަކު ހައްޔަރުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާއަށް ފަހު މަގުމަތީ އިހުތިޖާޖު ކުރި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ފަހު ޕީޕީއެމްގެ އޮފީހާއި ދިމާލަށް ދިޔަ ގިނަ ސަޕޯޓަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި އިހުތިޖާޖުކޮށްފައެވެ.
ޕީޕީއެމްގެ އިސްތަރުޖަމާނު ހީނާ ވަލީދު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރީ ފަސް މީހުން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވައި އިބްރާހީމް (ފެންސިރު އިއްބެ)، ނަހުލާ އަލީ، އިބްރާހީމްޝަހީބު، އަހުމަދު އާލީ، އަދި ރަޝީދު ކަމަށް ހީނާ ވިދާޅުވިއެވެ.
މިފަސް މީހުންވެސް ހައްޔަރުކުރީ ޕީޕީއެމް އޮފީސް ކައިރިންނެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި، ރައީސް ޔާމީން މިނިވަން ކުރަންދެން އިހުތިޖާޖު ކުރިޔަށް ގެންދިޔުމަށް އިސްވެރިން ތަކުރަރުކޮށް ގޮވައިލައްވާފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް