ރައީސް ޔާމީންގެ ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ފަށަނީ
މަނީލޯންޑަރިންގެ ދައުވާ އުފުލައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފި އެވެ.
ރައީސް ޔާމީން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ ހެކިންނަށް ނުފޫޒު ފޯރުވަން ރިޝްވަތު ދެއްވާ ޕީޖީ އޮފީހުން ކުރި ތުހުމަތުތަކާއި ގުޅިގެންނެވެ.
މާދަމާ ރައީސް ޔާމީން ހައްޔަރުކުރި އަމުރުގެ އިސްތިއުނާފް ޝަރީޢަތް ފަށާއިރު އެމަނިކުފާނު މިވަގުތު އޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ހިތްޕުޅުގެ މައްސަލައެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނައިރު އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ރައީސް ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވީ ނަމަވެސް އެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ އަމިއްލަ ފައިސާ އެވެ. އެފައިސާގެ ތެރޭގައި ހިމެނެނީ ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ ކަމަށް ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް