ރާއްޖޭގެ ތަރައްގީއަށް ކޮރަޕްޝަން ހުއްޓުވަން ޖެހޭ: ރައީސް ޞާލިހު
ރާއްޖޭގެ ތަރައްގީއަށް ކޮރަޕްޝަން ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ސަތޭކަ ދުވަސް ފުރުން ފާހަގަކުުރުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުންކަަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި، މިކަންތައް ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ކޮރަޕްޝަނާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސްކަމަށް ރައީސް ވަނީ މިއަދު ތަކުރާރުކުރައްވާފައެވެ. އެގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވައި، އެފަދަ ޢަމަލުތައް ރިޕޯރޓް ކުރުމަށް، ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން ޕޯޓަލް މިހާރު ވާނީ އާންމުންނަށް ހުޅުވާލައިފައިކަަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިހާރު ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފްސީލްވެސް ހާމަކުރަނީ ކޮރަޕްޝަން މަދުކުރުމަށް ކަމަށް ވިދާޅުވެފައެވެ.
"ދައުލަތުގެ މާލީ ތަފްސީލްތައް، ފިނޭންސް މިނިސްޓްރީން އެ ދަނީ ކޮންމެ ހަފުތާއަކު އެއްފަހަރު ޝާޢިއުކުރަމުން. އަޅުގަނޑުމެން ރައްޔިތުންނަށް އަންގައިދޭން ބޭނުންވަނީ، އަޅުގަނޑުމެން ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން"، ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް