އިނގިރޭސި ލީގް ކަޕް ފައިނަލުގެ ދެވަނަ ޖާގަ ޗެލްސީ ކަށަވަރުކޮށްފި
އިނގިރޭސި ލީގް ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީގެ މައްޗަށް ޓޮޓެންހަމް 1-0 ކުން ކުރި ހޯދާފަ އޮއްވަ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު ޗެލްސީ އޮތީ 2-1 ކުން ކުރީގައެވެ. ލީގް ކަޕްގެ ފައިނަލަށް ޗެލްސީ ދިޔައީ އެގްރިގޭޓް ނަތީޖާ 2-2 ކުން އެއްވަރުވުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެންނެވެ.
ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން ފެނުނު ލަނޑުތައް ކާމިޔާބުކޮށްދިނީ ކަންޓޭ އަދި ހަޒާޑްއެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ލޮރެންޓޭއެވެ.
ވިލިއަން، އަޒްޕިލިކުއޭޓާ، ޖޯޖީނިއޯ، އަދި ޑާވިޑް ލުއިޒް ފޮނުވާލީ ޗެލްސީގެ ޕެނަލްޓީތައް ގޯލު ދާގަނޑާ އަމާޒުވިއިރު ޓޮޓެންހަމްގެ ޑައަރ އަދި ލޫކަސް މޯރާ ފޮނުވާލި ޕެނަލްޓީތައްވަނީ ނާކާމިޔާބުވެފައެވެ. ޓޮޓެންހަމްގެ ފަރާތުން ފެނުނު ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބުވީ އެރިކްސަން އަދި ލަމޭލާ ފޮނުވާލި ޕެނަލްޓީތައް އެކަންޏެވެ.
މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ސަރީ ބުނީ ކުޅުންތެރިން ދެއްކި ކުޅުމައި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށައި ޗެލްސީ ފައިނަލަށް ދިޔުން ހައްގު ކަމަށެވެ. މެޗުގައި ރަނގަޅަށް ކުޅެ ޗެލްސީވަނީ އިދިކޮޅު ޓީމަށް ވަރަށް ނުރައްކާ ކޮށްފަކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޓޮޓެންހަމްގެ ކޯޗް ޕޮޗެޓީނޯ ބުނީ މެޗުގެ ފުރިހަމަ ވަގުތުތެރޭ ބަލިވުމަށްވުރެ ޕެނަލްޓީ ޖަހައިގެން ބަލިވުން މާ ރަނގަޅު ކަމަށައި މިހާރު ވިސްނުން ހުރީ އެފްއޭ ކަޕްގައި ކްރިސްޓަލް ޕެލަސްއައި ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. ޗެލްސީގައި ހަޒާޑް، ޕެޑްރޯ، ގިރޫޑް، އަދި ކަންޓޭ ތިބި ކަމަށައި އެ ކުޅުންތެރިން ލައިގެން ލަނޑު ޖެހޭނެ ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ. އޭނާ މިހެން ބުނެފައިވަނީ ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން އަދި އެ ޓީމުގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރާ ޑެލެ އަލީއަށް އަނިޔާވެ ކުޅުމައި ދުރުގައި ހުރީމަ ކަމަށް ބެލެވެއެވެ.
އިނގިރޭސި ލީގް ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަދި ޗެލްސީ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް