މާފުށީ ޖަލުގެ ގައިދީންތަކެއް ހަޅުތާލުކުރަނީ
މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީންތަކެއް ހަޅުތާލުކުރަން ފަށައިފިއެވެ.
އެ ފަރާތްތައް ހަޅުތާލުކުރަމުންދާކަން ކަރެކްޝަންސްގެ ފަރާތުން މިހާތަަނަށް ޔަގީންކޮށްދީފައި ނުވެއެވެ. ނަމަވެސް އެފަރާތްތައް ހަޅުތާލުކުރަމުންދާ ވީޑިޔޯތަކެއް ސޯޝަލް މީޑިޔާގައި ދަަނީ ދައުރުވަމުންނެވެ.
އެ ވީޑިޔޯތަކުން އެނގޭގޮތުގައި އެ ގައިދީންތައް ހަޅުތާލުކުރަމުންދަނީ އިއްޔެ މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާއާއި ގުޅިގެންނެވެ. އެގޮތުން އަނިޔާކުރި ގައިދީންތައް ގޮޅިން ނެރެ ފަރުވާ ދިނުމަށް އެދި ދަނީ ގޮވަމުންނެވެ.
ހޯމް މިނިސްޓްރީން ރޭކުރި ޓްވީޓެއްގައި ވަނީ ޖަލުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނެފައެވެ. ރޭގެ ހަަމަނުޖެހުމުގައި ޖަލުގެ އޮފިސަރަކަށް އަނިޔާވެގެން ފަރުވާދިނެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެއް ގޮޅިއެއްގައި އޮތް އެއްޗެއް އަނެއް ގޮޅިއަށް ގެނެސްދޭން ދެކޮޅު ހެދުމުން ހިނގައިދިޔަ މި ހަމަނުޖެހުމަށްފަހު، ޖަލުގެ އޮފިސަރުން ވަނީ ބައެއް ގައިދީންނަށް އަނިޔާކޮށްފައެވެ. އެގޮތުން ގައިދީންގެ ބޯބާލައި، ކުރިމަތީ ފަރާތާއި ފުރަގަސް ފަރާތަށް އަމާޒުކޮށް ޕެޕަރސްޕްރޭ ޖަަހައި ހެދިކަމަށްވެސް ވަނީ ބުނެފައެވެ.
މި އަނިޔާގެ ތުހުމަތުތަކާއި ގުޅިގެން ކަރެކްޝަންސްއިން އަދި އެއްޗެއް ނުބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް