ހަލާލު އެއްވެސް މަސައްކަތަކީ ހުތުރު މަސައްކަތެއް ނޫން: ރައީސް ސޯލިހު
ހަލާލުގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ ހުތުރު މަސައްކަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ، މި އަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚާއްސަ ޚިތާބެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއްކަމަށާއި ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫންކަމަށެވެ.
" ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ، މަސައްކަތެއް ނުކޮށް، ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް، މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އެކަން އެހެން އޮތްއިރު، ތަފާތު މަސައްކަތްތައް ކުރުވުމަށް، ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެނެއެވެ"، ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން، އަޅުގަނޑުމެންގެ ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު، ޢަޒުމް ކަނޑައަޅަންވީ އެއް ކަންތަކެވެ. ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާ ދިވެހީން ޙަވާލުވުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
އެއީ، ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު، ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއްކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމެވެ. ޤާނޫނީ އޮނގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި އަންނަނީ މަޝްވަރާ ކުރަމުންނެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ"، ރައީސް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް