ކިތަންމެ ބޮޑު އޮފާއެއް ހިފައިގެން އަޔަސް ފަހަތައް ނުޖެހޭނަން: ހީނާ
ކިތަންމެ ބޮޑު އޮފާއެއް ހިފައިގެން އަޔަސް ފަހަތައް ނުޖެހޭނެ ކަމަށް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ހީނާ ވަލީދުގެ މާލޭގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހީނާ ވަލީދު ވިދާޅުވީ ދާއިރާގެ ރައްޔިތަކު ކިތަންމެ ބޮޑު އޮފާއެއް ހިފައިގެން އަޔަސް އެކަން ކޮށްދޭނެ ކަމަށާއި، އަދި އޭނަގެ ނަންވެސް އަނބުރާ ނުވެސް ގެންދާނެ ކަމަށެވެ.
ހީނާ ވިދާޅުވީ އޭނާއަކީ ފައިސާއަށް ވިކޭނެ މީހެއް ނޫންކަމަށާއި، އަދި އެއްވެސް މީހަކު ދޭ ހަދިއާ އަކަށްވެސް ވިކޭނެ މީހެއް ނޫންކަމަށެވެ.
ދިއްގަރު ދާއިރާގެ ރައްޔިތުންނާއި ދޭތެރޭ އޭނާވެސް ދެކޭ ހުވަފެންތައް އެބަހުރި ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުންގެ ތަރައްގީއަށް މަޖިލިސްތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދާއިރާގެ ހުރިހާ އަންހެނުންވެސް އޭނާގެ ފަހަތައް އެރުމަށް ހީނާ ވަނީ އެދިވަޑައިގަންނަވާފައެވެ.
އެޕްރީލް ހަވަނަ ދުވަހު ވިސްނާ ނުލައްވާ ރައްޔިތުން ވޯޓްދެއްވައިފިނަމަ ވަރަށް ހިތާމަވެރި ކަންތައްތަކެއް ދިމާވެދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހީނާވަނީ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް އޭނާއަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ހީނާގެ ކެމްޕެއިން ޖަަގަހަ މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި އެޕާޓީގެ ނައިބުރައީސް މުހައްމަދު ސައީދުގެ އިތުރުން ޕީޕީއެން ޕީއެންސީ ކޯލިޝަންގެ ބައެއް އިސްފަރާތްތަކާއި ދާއިރާގެ ބައެއް ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުންވަނީ ހީނާގެ ކެތްތެރިކަމާއި ހުނަރު އަދި އިޚްލާސްތެރި ކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާ ހީނާއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް