ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް (ނައިފަރީ) ގެނެސްދެއްވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ފާދިއްފޮޅު ހިންނަވަރުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
މީގެ ދެ އަހަރު ކުރީން 2024 ވަނަ އަހަރު ފެށި "މަގޭ ސުވާލަކީ" ޕްރަގްރާމަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ޕްރަގްރާމެކެވެ. ޔޫޓިއުބުލް ވަގުތުން ދުރަށް ދައްކާ މި ޕްރަގްރާމްގެ 99 ވަނަ އެޕިސޯޑް ރޭ ވަނީ ގެނެސްދީފަ އެވެ. މިހާތަނަށް މި ޕްރަގްރާމް މެދުވެރިކޮށް 1800 ވުރެ ގިނަ ސުވާލަށް ޝެއިހް ވަނީ ވަރަށް ތަފްސީލު ގޮތެއްގައި ޖަވާބު ދެއްވާފަ އެވެ.

"މަގޭ ސުވާލަކީ" ޓީމުން ބުނީ 100 ވަނަ ޕްރަގްރާމް ވަރަށް ޚާއްސަ ޕްރަގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. 100 ވަނަ ޕްރަގްރާމް ކުރިއަށް ގެންދާނީ ހިންނަވަރު ކައުންސިލާއި މުއައްސަސާތައް ގުޅިގެން އެ ރަށުގައި އަންނަ ހުކުރު ދުވަހުގެ ރެ އެވެ.
މިއީ ޝެއިހް މުޙައްމަދު އިބްރާހިމްގެ ލޮލުގެ ފެނުން ގެއްލުނު ފަހުން މިފަދަ ހަރަކާތަކަށް ރަށުން ބޭރަށްދާ ފުރަތަމަ ފަހަރެވެ. އޭގެ ކުރީން ވަރަށް ގިނައިން ޝެއިހް ގެންދެވީ ހިންވަރާއި ކައިރި އެހެން ރަށްރަށަށް ޒިޔާރަތްކޮށް ދަރުސްތައް ބާއްވަމުންނެވެ.

ހިންނަވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމްގައި ރައްޔިތުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެ އެވެ. އެއްގަޑިއިރާއި 15 މިނެޓަށް ކުރިއަށް ގެންދާ މި ޕްރަގްރާމް ވީހާވެސް ގިނަ ޕްލެޓްފޯމްތަކުން ވަގުތުން ދުރަށް ދެއްކުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ޓީވީ ސްޓޭޝަންތަކާއި އެހެނިހެން މީޑިއާތައް ހިމެނެ އެވެ.
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް