ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑީއާރް ކޮންގޯގެ ޓެންގަނިކާ ޕްރޮވިންސްގެ ޓްރާންސްޕޯޓް މިނިސްޓަރު ނޮރިސް މުލޮންގޮޔީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގެއްލިފައިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. ގާތްގަނޑަކަށް 100 އެއްހާ މީހުންނާއި ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދަތުރުކުރި މި ބޯޓު ބަންޑުން ޖަހާލާފައިވަނީ ކޮންގޯގެ މެޕޭރާ އަވަށާ ކައިރިންނެވެ.
މި ބޯޓަކީ ބުރާސްފަތި ދުވަހު ޓެންޒޭނިއާގެ ކިގޯމާ ބަނދަރުން ފުރައިގެން ޑީއާރް ކޮންގޯގެ ކަލެމީ ސިޓީއަށް ދަތުރުކުރަމުން ދިޔަ އުޅަނދެކެވެ. މި ހާދިސާއިން ސަލާމަތްވި އެނީ މޮޔޯނީ ކިޔާ މީހަކު އދ. ގެ އެހީގައި ހިންގާ ރޭޑިއޯ އޮކާޕީއަށް ކިޔައިދިން ގޮތުގައި، ދަންވަރު ގާތްގަނޑަކަށް 1:00 ހާއިރު ނިދިން ހޭލެވުނު އިރު ބޯޓު އޮތީ އެއްފަޅިއަށް އަރިއަޅާލާފައެވެ.
މި ބޯޓު ބަންޑުން ޖަހާލަން މެދުވެރިވި ސީދާ ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، ފަހަކަށް އައިސް އެ ގައުމުގައި ހިނގާ މިފަދަ ހާދިސާތަކުގައި އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. ގިނަ ފަހަރަށް މިފަދަ ހާދިސާތައް ހިނގަނީ ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް މީހުންނާއި މުދާ އެރުވުމުގެ ސަބަބުންނާއި ލައިފް ޖެކެޓް ފަދަ ސަލާމަތީ ވަސީލަތްތައް ނެތުމުގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ، 100 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޑީއާރް ކޮންގޯގައި އެއްގަމު ދަތުރުފަތުރުގެ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން، ގިނަ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށް އެންމެ އަގުހެޔޮ އަދި ފަސޭހަ މަގަކީ ކޯރުތަކާއި ކަނޑުތައް ހުރަސްކޮށް ބޯޓުފަހަރުގައި ދަތުރުކުރުމެވެ.
މިއީ އެއް މަސް ދުވަހުގެ ތެރޭގައި ކިގޯމާ-ކަލެމީ ރޫޓުން ދަތުރުކުރި ކޮންގޯގެ އުޅަނދެއް އަޑިއަށްދިޔަ ދެވަނަ ފަހަރެވެ. މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ވެސް ތެޔޮ ބަރުކުރަން އޮއްވާ "އެމްވީ ޕެސިފިކް" ނަމަކަށް ކިޔާ ބޯޓެއްގައި އަލިފާން ރޯވެ، ފަޅުވެރިންގެ ހަ މީހުން މަރުވެ، އެކަކު ވަނީ ގެއްލިފައެވެ. މީގެ އިތުރުން މިދިޔަ ޖުލައި މަހުވެސް އިމްތިހާނެއް ނިންމުމަށްފަހު އެނބުރި ދިޔަ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ލަކުޑި ބޯޓެއް އަޑިއަށް ގޮސް މަދުވެގެން 20 މީހުން ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް