ބަސް އެކްސިޑެންޓްވި މަންޒަރު ދުށް މީހުންގެ އެހީއަށް ފުލުހުން އެދިއްޖެ
ރޭ ހުޅުމާލޭގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް ފަރާތްތަކުގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިއަދުވަނީ، އެކްސިޑެންޓުވި މަންޒަރު ފެނުނު ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ.
ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި 13 އަހަރުގެ ކުއްޖަކުވަނީ މަރުވެފައެވެ.
އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ ނިޔާވި ފާތިމަތު އަންޖުމްގެ މަންމައެވެ. އޭނާއަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.
އެކްސިޑެންޓްވި މަންޒަރު ދުށް ފަރާތްތަކުގެ އެހީއަށް ފުލުހުން އެދުނުއިރު، ބަހުގެ ޑްރައިވަރު މިހާރުވަނީ ހައްޔަރުކޮށްފައެވެ.
މަންޒަރު ދުށް މީހުން ބުނިގޮތުގައި އެކްސިޑެންޓް ހިނގީ، ބަސް ފަހަތުން ގޮސް ސައިކަލްގައި ޖެހިގެންނެވެ. އެމްޓީސީސީން މިއަދު ބުނެފައިވަނީ އެކްސިޑެންޓެއް ހިނގިކަން އެ ބަހުގެ ޑްރައިވަރަށް ވެސް އަދި ކޮންޑަކްޓަރަށް ވެސް ނޭނގޭ ކަމަށެވެ.
އޭރު ބަހުގައި ތިބި 14 ފަސިންޖަރުންވެސް ތިބިއިރު މިއިން އެއްވެސް މީހަކަށް ނޭނގޭ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެކްސިޑެންޓަށް ފަހު ވެސް ބާރު ސްޕީޑުގައި ހުއްޓުމެއް ނެތި ކުރިއަށް ދަނިކޮށް ފުލުހުން ގޮސް، ބަސް ހުއްޓުވީ ޔޫޓާން ހިސާބުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް