އެންމެ ހުދުމުހުތާރު އަދި އަނިޔާވެރި ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން: ރައީސް ޞާލިހު
ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ އަނިޔާވެރި އަދި ޚުދުމުހުތާރު ވެރިކަމެއް ކުރެއްވި ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫގައި މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުގެ މާލިއްޔަތުން މީގެ ކުރިން ދުވަހަކުވެސް ވައްކަން ކޮށްފައި ނުވާ ވަރަށް ވައްކަމާއި ހިޔާނާތަށް އަރައިގަނެފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކަން ހިނގައި ދިޔަ ގޮތަށް އަލިއަޅުއްވާލައި ވާހަކަ ދައްކަވަމުން، ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި ސިޔާސީ ބާރުވެރިކަން އަލުން ހޯއްދެވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.
އެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގެންފި ނަމަ އަދި އަލުން އަނބުރާ ރާއްޖެ އަނދަވަޅަކަށް ވައްޓައިލައްވާނެ ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ސޯލިޙް ވަނީ ރައީސް ޔާމީނަށް އެ ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އަލުން ބާރު ލިބިވަޑައިގެންފި ނަމަ ރައްޔިތުން ތިބެން ޖެހޭނީ ކުރީން ވެސް ތިބި ހާލުގައި ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ވޯޓު ދިނީ އެ ހާލުގައި ތިބެން ބޭނުން ނުވާތީ ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް