ޖަޕާނުގެ އަސްކަރީ ދެ ހެލިކޮޕްޓަރެއް ވެއްޓި އެކަކު މަރުވެ، ހަތް މީހަކު ގެއްލިއްޖެ
ޕެސިފިކް ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށް، ޖަޕާނުގެ އަސްކަރީ ދެ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ދަތުރުކުރި އެކަކު މަރުވެ 7 މީހަކު ގެއްލިއްޖެއެވެ.
ޖަޕާނުގެ ޑިފެންސް މިނިސްޓަރު މިނޯރޫ ކިހާރާ ވިދާޅުވީ ގެއްލިފައިވާ 7 މީހުން ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ބޮޑަށް ބެލެވޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދެ އުޅަނދު ކްރޭޝް ވުމުގެ ސަބަބުން ކަމަށެވެ.
އޭގެ ތެރެއިން އެއް ހެލިކޮޕްޓަރުގެ ސިގްނަލް ގެއްލުނުތާ 25 މިނިޓް ފަހުން ހަމަ އެ ސަރަހައްދުން ދެވަނަ ހެލިކޮޕްޓަރުގެ ސިގްނަލް ވެސް ވަނީ ގެއްލިފައެވެ. އެއާއިއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ 10 ބޯޓާއި 5 މަތިންދާބޯޓު ބޭނުންކޮށްގެން ބޮޑު ސާޗް އޮޕަރޭޝަނެއް ފަށާފައެވެ.
މި އޮޕަރޭޝަން ގައި މިހާތަނަށް އެކަކުގެ ހަށިގަނޑު ހޯދައި، ހެލިކޮޕްޓަރު ތަކުގެ ރެކޯޑަރުތަކާއި ރޯޓާ ބްލޭޑްގެ ބައެއް ތަންތަން ވެސް ވަނީ ވަރަށް ކައިރި ކައިރިން ފެނިފައެވެ.
މި ހާދިސާގައި ވެއްޓުނު ދެ ހެލިކޮޕްޓަރަކީ އެސްއެޗް-60ކޭ މަރުކާގެ ދެ ހެލިކޮޕްޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް