ރާއްޖޭގައި އެންމެ ބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ އައްޑޫގައި އަޅާނަން: ރައީސް ޞާލިހު
ރާއްޖޭގައި މިހާތަނަށް އެޅޭ އެންމެ ބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ އައްޑޫ ސިޓީގައި އަޅާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ19 ގެ ދަށުން އައްޑޫ ސިޓީގެ މަޖިލިސް ކެނޑިޑޭޓުންގެ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ މައްސަލަކަމަށާއި ޑްރަގުގެ ޝިކާރައަކަށް ވެފައިވާ ޒުވާނުން އަނބުރާ މުޖުތަމައު އަށް ގެނައުމަށް ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު މި ސިޓީގައި ގާއިމުކުރާނެކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީގެ ފަރާތްތަކުން އެމަނިކުފާނަށް މެޖޯރިޓީ ދެއްވިކަމަށެވެ. އަދި އެހެންކަމުން އެ ފަރާތްތަކާއި މެދު ދެރަ ގޮތެއް އެމަނިކުފާނުގެ ވެރިކަމުގައި ނުވާނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
" އައްޑޫ ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރު ނަގައެއް ނުލާނަން. އައްޑޫ ތަރައްޤީ ކުރުމަށް ބޭނުންވާ ހެޔޮ ބަދަލު ގެނައުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިރޭ ތިބޭފުޅުންނަށް އަރުވަން"، ރައީސް ސޯލިހު ވިދާޅުވިއެވެ.
މިގޮތުން އެމަނިކުފާނުވަނީ 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް އައްޑޫގައި ހިންގަވާނެކަމަށް އިއުލާންކުރައްވާފައެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން އައްޑުއަށް 8000 ޓޫރިސްޓު ބެޑް އިތުރުކުރުމާއި އައްޑޫގެ ބިން އިތުރުކުރުމާއި ބައިނަލްއަގުވާމީ ފެންވަރަށް އައްޑޫގެ ޕޯޓު ތަރައްގީ ކުރުމާއި އައްޑޫގައި 17 ކިލޯމީޓަރުގެ މަގު ހެދުމާއި މަސް ބަނދަރާއި ކަނޑުމަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް ތަރައްގީ ކުރުމާއި އައްޑޫގެ ކަރަންޓުގެ ހިދުމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލު ހޯދައިދިނުމާއި އިޖުތިމާއީ ގޮތުން މި ސިޓީއަށް ބޭނުންވާ ސްޕޯޓްސް ކޮމްޕްލެކްސް އަޅައި، ސްވިމިންގ ޕޫލާއި ފުޓްބޯޅަ ސްޓޭޑިއަމެއް މި ބިޔަ މަޝްރޫއުގައި ހިމެނޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއުއާއި އެކު މުޅި އައްޑޫ އާރާސްތުވެ، އައްޑޫގެ އިނދަޖެހިފައިވާ އިގުތިޞާދު ކޮޅަށް ޖެހޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް