މުސާރައިގެ މައްސަލައިގަ އިސްކޯ ޗެލްސީއަށް ބަދަލުވުން މަޑުޖެހިފައި
26 އަހަރުގެ ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ތަރި އިސްކޯ ޗެލްސީއަށް ބަދަލުވުމުގެ ކަންތައްތައް މަޑުޖެހިފައިވަނީ އޭނާ ތަމްސީލުކުރާ ފަރާތްތަކުން ކުއްލިއަކަށް ބޮޑު މުސާރައަކަށް ޑިމާންޑް ކުރުމުންކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
އިސްކޯ ތަމްސީލްކުރާ ފަރާތްތަކުން މިގޮތަށް ކަންތައްކޮށްފައިވަނީ ފްރާންސްގެ ޕީއެސްޖީއިން އޭނާއަށް ޝައުގުވެރިކަން ފާޅު ކުރުމުންކަމަށްވެއެވެ.
އިސްކޯގެ ޓްރާންސްފާ ފީއަކަށް 75 މިލިއަން ޕައުންޑް އަދި އޭނާގެ މުސާރައިގެ ގޮތުގައި ހަފްތާއަކު 250،000 ޕައުންޑް ދިނުމަށް ޗެލްސީއިން ތައްޔާރަށް އޮތްއިރު ރެއާލްގެ ކޯޗް ސޮލާރީ އަދި އެ ކްލަބުގެ ރައީސް ފްލޮރެންޓީން ޕެރޭޒްވެސް އިސްކޯ ޗެލްސީއަށް ދޫކޮށްލުމަށް ތައްޔާރަށް ތިބިކަމުގައި މީޑިއާތަކުން މައުލޫމާތުދެއެވެ.
ރެއާލްގެ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ލިބެމުންނުދާ އިސްކޯ މި ސީޒަނުގައި ސްޕެއިން ލީގުން ފެނިފައިވަނީ އެންމެ 11 މެޗުންނެވެ.
އިސްކޯ ޗެލްސީއަށް ބަދަލުވުމުގެ ކަންތައްތައް މަޑުޖެހިފައިވުމުން ޗެލްސީގެ ކޯޗް ސަރީ ހުރީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ ޗެލްސީގެ ތަރި ހަޒާޑް އަދި އިސްކޯ ޕެއާއެއްގެ ގޮތުގައި ކުޅުވަން އޭނާ ކެތްމަދުވެފައި ހުރުމުންކަމަށްވެއެވެ.
ޗެލްސީގެ މެދުތެރެއަށް ކުޅެމުން އަންނަ ފެބްރިގާސް ކްލަބް ދޫކޮށްލާނެ ކަމުގެ އަޑުތައް ގަދަވެފައިވާއިރު ޗެލްސީއިން ދަނީ ބުރޯޝިއޯ ޑޯޓްމަންޑްގެ ޒުވާންތަރި ކްރިސްޓިއަން ޕިއުލުސިޗް ގަތުމުގެ މަސައްކަތްތައްވެސް ކުރަމުންކަމަށް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް