މިނިވަން މުއައްސަސާތަކުގެ ވެރިން ކޮމެޓީގައި ދޮގު ހަދާނަމަ ދައުވާކުރާނަން: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކުރާ މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ކޮމެޓީގައި ދޮގު ހަދާނަމަ ދައުވާކުރާނެ ކަމުގެ އިންޒާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވާ ކަމަށެވެ. އަދި އިތުރުފުޅު ހައްދަވާކަން ހާމަވާތީ، ކޮމިޓީތަކުގެ މުގައްރިރުން އެމަނިކުފާނު އަރިހުގައި އެކަމުގެ ޝަކުވާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވެރިއަކަށްވިޔަސް، މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލީހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެކެވެ. އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ދައުލަތުގެ އެންމެހާ ބޭފުޅުންނަށާއި ސަރުކާރުގެ އެންމެހާ ބޭފުޅުންނަށާއި މުއައްސަސާތަކުގެ އެންމެހާ ބޭފުޅުން އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެސް، މި މަޖިލީހަށް ވަޑައިގެން އިތުރު ހެއްދެވުމަކީ ޖިނާއީ ކުށެއް.''ނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް