ގައިދީންނަށް ފަރުވާދޭން އައިޖީއެމްއެޗްގެ ޑޮކްޓަރުން ޖަލަށް ދާން ފަށަނީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަހަލައްޓާ ޖަލުތަކުގައި ތިބި ގައިދީންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުން ޖަލަށް ޒިޔާރަތްކުރަން ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަނުން އެ ޚިދުމަތް ފަށަނީ މާދަމާއިން ފެށިގެންނެވެ. އެގޮތުން ކަރެކްޝަނާއި އައިޖީއެމްއެޗާއި ދެމެދު ގައިދީނަށް ފަރުވާ ދިނުމާއި ބެހޭ އެއްބަސް ވުމެއް ވަނީ ހަދާފައެވެ. އެގޮތުން އެއާއެކި ގައިދީންނަށް ދެއްކުމަށް ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ނަމްބަރު ދޫކުރުމާއި، ޖަލަށް ޑޮކްޓަރުން ގޮސް ބަލިމީހުން ބެލުން ހިމެނެއެވެ.
އެގޭ އިތުރުން ޑޮކްޓަރަށް ދައްކަން ގެންނަ ގައިދީން އައިޖީއެމްއެޗްގައި އާއްމުންނާ ވަކިން އެޑްމިޓްކޮށްގެން ގެންގުޅެވެ ގޮތް ހަމަޖެއްސުމާއި، ގައިދީން އެޑްމިޓްކުރަން ދެ ކޮޓަރި ހާއްސަކޮށްފައި ބެހެއްޓުން ހިމެނެއެވެ.
މާފުށީ ޖަލަށް މާދަމާ ދިއުމަށް ހަމަޖެހިފައިވަނީ ހަމުގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ހައްލު ކުރުމަކީ މިސަރުކާރުގެ ވައުދެއްކަމަށްވާއިރު، ޖަލުގެ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް