އިސްރާއީލުން އީރާނަށް ހަމަލާދިނުން
އިސްރާއީލުން އީރާނަށް ހަމަލާދިނުން
ދުނިޔެ 19 Apr 2024 | 04:02

އަޕްޑޭޓް: އިސްރާއީލުން އީރާނަށް ހަމަލާދީފި

އިސްރާއީލުން އީރާނަށް މިސައިލް ހަމަލާއެއްދީފިކަމަށް ޚަބަރު ލިބެމުން އެބަދެއެވެ. އީރާން ޓީވީން ބުނާގޮތުގައި އެގައުމުގެ އިސްފަހާނު ކައިރިން ގޮވުންތަކެއްވަނީ ގޮވަފައެވެ. އެހިސާބުން ވައިގެ ދަތުރުފަތުރުތައް މިހާރުވަނީ މެދުކަނޑާލެވިފައެވެ. 
އީރާނުން ބުނާގޮތުގައި އެގައުމުގެ އެއަރޑިފެސް ސިސްޓަމުންވަނީ އިސްފަހާނުމަތިން ތިން ޑްރޯނެއް ވައްޓާލާފައެވެ. މިހަމަލާއާއިބެހޭ މާކަބޮޑުތަފްސީލެއް ނުވަތަ މީހަކަށް ކަމެއްވެ ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް އަދިނުލިބެއެވެ. އިސްރާއީލުންވެސް ވަކިއެއްޗެއް ނުބުނެއެވެ. އިސްފަހާނަކީ އީރާނުގެ އަސްކަރީ ވަރަށް މުހިއްމު މަރްކަޒުތަކެއް ހިމެނޭ ރަށެކެވެ. މިހަމަލާދިން ކަން އެމެރިކާގެ ޓީވީ ނެޓްވާކުތަކުންވެސް ވަނީ ރިޕޯޓްކޮށްފައެވެ. ސީއެންއެން ބުނާގޮތުގައި މިހަމަލާގައި އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް އަމާޒެއް ނުކުރެއެވެ. އީރާންގެ ސިވިލް ޑިފެންސް ފޯސްގެ ތަރުޖަމާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެތައް ޑްރޯނެއް އީރާންގެ އެއަރޑިފެންސުން ވައްޓާލާފައިވާ ކަމަށެވެ. މިސައިލް ހަމަލާއެއް ދިން ކަން ޔަގީން ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލުން ސީރިޔާއާއި އިރާގްގެ އަސްކަރީ ބައެއް ތަންތަނަށްވެސް ހަމަލާދިނެވެ.

އީރާނަށް ހަމަލާދީފައިމިވަނީ ސީރިޔާގައިހުރި އީރާންގެ ޑިޕްލޮމެޓިކް އިމާރާތަކަށް ބައިނަލް އަގުވާމީ ގާނޫންތައް މުގުރާލާފައި އިސްރާއީލުން ހަމަލާދިނުމުން އެކަމުގެ ބަދަލުހިފާނެކަމަށް ބުނެ އީރާނުން އިސްރާއީލަށްދިން މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކަކަށްފަހުއެވެ. މިހަމަލާތަކަށްފަހު އީރާނަށް ހަމަލާދޭނެކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އީރާން މައްސަލަ އިސްރާއީލުން މިގޯސްކުރަނީ ޔަހޫދީ ދައުލަތުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ އިންސާނިއްޔަތާއި ޚިލާފް ރަހުކުޑަ ހަމަލާތަކުގައި ފަލަސްތީނުގެ 33 ހާހަށްވުރެ ގިނަ ކުށެއް ނެތް ރައްޔިތުންގެ ލޭއޮހުރުވައިލުމުން ބައިނަލް އަގުވާމީގޮތުން އިސްރާއީލަށް ކިޔެމުންދާ ފާޑުކިއުންތަކާހެދި ދުނިޔޭގެ ސަމާލުކަން އެހެންދިމާލަކަށް ހުއްޓުވައިލުމަށް ކަމަށް މުހައްލިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް