ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީފަންޑްގެ ސީއީއޯއަށް އަރުވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ސަޢޫދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް އަރުވައިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)ގެ 3 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށްވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް