ޝެއިޚް އިސްމާއީލް އަވަހާރަވުން: ރައީސްގެ ތަޢުޒިޔާ، ޝެއިޚްގެ ވަކިވުމުން ބޮޑު ހިތާމައެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅީ ފީރޯޒްވާދީ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އަޅުގަނޑަށް އިޙްސާސް ކުރުވި ކަމެއް ކަމަށެވެ.
ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށްފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވައިފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން، ދިވެހި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ޚިދުމަތުގެ އިސް ސަފުގައި ޚިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޛެއް ކަމަށާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިޢު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.
ދ. މީދޫ އަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
އެމަނިކުފާނުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ފޮނުއްވަވާ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލެހެއްޓެވުން އެދި ދުޢާ ކުރައްވާފައިވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް