ބޭރު ގައުމުގެ ރައްޔިތުކަން ދޫކޮށްލާތާ ދިހަ އަހަރު ނުވަނީސް ވެރިކަމަށް ކުރިމަތިނުލެވޭގޮތައް އޮތްއޮތުން އުވާލަނީ
ބޭރުގައުމުގެ ރައްޔިތުކަން ދޫކޮށްލިތާ 10އަހަރު ނުވަނީސް ވެރިކަމަށް ކުރިމަތިނުލެވޭ އިސްލާހު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭގޮތުގައި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު އިސްލާޙުކުރުމަށް ވަނީ މަޖިލީހަށް ފޮނުވާފައެވެ.
އޭރުގެ އިިދިކޮޅު ފަރާތްތަކުން ބުނިގޮތުގައި މި ގާނޫނު ހަދާފައިވަނީ އިދިކޮޅު ކެނޑިޑޭޓެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ ދިވެއްސެއްކަމުގައިވާ ޕްރޮފެސަރ ހަސަން އުގައިލް، ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެތީއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ވެސް ވަނީ އިސްލާހެއް ހުށައަޅާފައެވެ.
އެ އިސްލާހަކީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހަޅާ އިޞްލާޙެކެވެ. ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާޙު ވެގެން ދިއުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް