ގިލިލަންކަންފުށި އަނދަމުންދިޔަ އިރުވެސް ސްޓާފުން ތިބީ ފަތުރުވެރިންނަށް އެހީވުމުގައި!
ނިމިދިޔަ ހަފްތާގެ ތެރޭގައި ކ.ލަންކާފުށިގައި ސޮނެވާ ގްރޫޕުން ހިންގަމުންދިޔަ ސޮނެވާ ގިލި ރިސޯޓްގައި އަލިފާން ރޯވެ އެ ރިސޯޓްގެ ގިނަ އަދަދެއްގެ ރޫމްތައް ހަލާކުވި ހާދިސާއަކީ ހައިރާންކުރަނިވިހާ ބިރުވެރި ހާދިސާއެކެވެ. ފަހަރަކު ރޫމެއްގައި އަލިފާން ރޯވެ އަނދަމުންދިޔަ އިރު، އެފަދަ މަންޒަރެއް ހަޔާތުގައިވެސް ނުދެކޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
45ވަރަކަށް މޫދު ކޮަޓަރީގައި ފަތުރުވެރިން ތިބޭގޮތަށް ފަރުމާކުރެވިފައިވާ މި ރިސޯޓްގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާގައި ރޯވި އަލިފާންގަނޑު ވައިހުރި ގޮތުން ފެތުރިގެންގޮސް، ބާކީ ހުރި ގިނަ މޫދު ކޮޓަރިތަކަށްވެސް ފޯރިއެވެ. އެ އަލިފާންގަނޑު އެތައް ބައެއްގެ ބުރަ މަސައްކަތުން ނިއްވާލެވުނު އިރު، ރިސޯޓްގެ ގިނަ ކޮަޓަރިތަކާއި މައިރަށުގައި ހުރި ބަދިގެއާއި ރެސްޓޯރެންޓްއެއްވެސް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަކީ ވަރަށް މެހެމާންދާރީ ރަނގަޅު، އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާ ފަރާތްތަކެއްކަމީ ފަތުރުވެރިން އަބަދުވެސް ދައްކާ ހަދާ ވާހަކަތަކެވެ. އޭއީ ދިވެހި ނުވަތަ ބޭރުގެ މުވައްޒަފެއް ކަމުގައިވިޔަސް މެއެވެ. މިގޮތުން މި ރިސޯޓްގެ ބޮޑުބައި އަނދަމުންދިޔަ ނާމާން ހާލަތުގައިވެސް ރިސޯޓްގެ ސްޓާފުން އިސްކަންދިނީ ހުރިހާ ފަތުރުވެެރިންނާއި އެމީހުންގެ މުދާތައް ރައްކާތެރި ކުރުމަށެވެ.
މިކަމުގައި މުވައްޒަފުން ހަރަކާތްތެރިވި ކުޅަދާނަ ގޮތް، ޖަޕާނުގެ ފަތުރުވެރިޔަކު ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްދީފައިވާއިރު، އެ މުވައްޒަފުންގެ ގަދަ ހިތްވަރާއި ކުޅަދާނަކަމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
އެ ނާމާން ރޭގައި ޖަޕާންގެ ކޮޓާރޯ ނަމަގީޝީ ހުރީ އެ ރިސޯޓްގެ ޕްރައިވެޓް ރިޒާވް ވިލާގެ ރަށާއި ވީ ފަޅިއަށް ހުރި ބައިގައެވެ. މިއީ ނަމަގީޝީއާއި އޭނާގެ އާއިލާ އެތަނަށް ޒިޔާރަތްކުރި ފަސްވަނަ ފަހަރެވެ. އެރޭ ދަންވަރު އޭނާއަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިތަޅާ އަޑަށެވެ. ދޮރު ހުޅުވާލިއިރު، ގިލިލަންކަންފުށީގައި ސެކިއުރިޓީގެ ގޮތުގައި މަސައްކަތްކުރާ މެދު އުމުރުގެ ދިވެހި ފިރިހެނަކު އިނގިރޭސި ބަހުން ސުނާމީ އެބައާދެއޭ، ބޭރަށް ނިކުންނާށޭ ބުންޏެވެ.

މިހެން ބުނުމުން އޭނާ އަވަހަށް ދަރިންނާއި އަންހެނުންނަށް ގޮވައި، ޕާސްޕޯޓްތައް އަތަށް ނެގުމަށްފަހު ބޭރަށް ނުކުތުމަށް ތައްޔާރުވިއެވެ. ސުނާމީއެކޭ ބުނިއިރު، ބިންހެލުމެއްގެ އަސަރު ނުކުރާތީ ހިތުގައި ވަހުމު އުފެދުނަސް ސަލާމަތަށްޓަކައި ނަމަގީޝީއާއި އޭނާގެ އާއިލާއަށް ފެނުނީ ނުކުންނާށެވެ. އޭރު އޭނާ ބަލައި އައި ސެކިއުރިޓީ އޮފިސަރު ހުރީ ނަމަގީޝީގެ ބޮޑު ފިރިހެން ކުއްޖާ އުރައިގެންނެވެ.
ސެކިއުރިޓީ އޮފިސަރު އަވަހަށް އެ އާއިލާ އިންޖީނުލީ ކުޑަ ދޯންޏަކަށް އަރުވައިގެން ރަށާއި ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު ނަމަގީޝީއަށް، ހަގީގަތުގައި ސެކިއުރިޓީ އޮފިސަރު ބުނަން ޖެހޭނީ އަލިފާން ރޯވެއްޖެ ވާހަކަކަން ފަހުމްވިކަމަށް އޭނާ ވަނީ ބުނެފައެވެ. އަވަހަށް އެ ދޯނީގައި ރަށާއި ދިމާލަށް ދަތުރުކުރަމުންދިޔައިރު، ރިސޯޓްގެ އެހެން މުވައްޒަފުން އޭނާ ހުރި މޫދު ކޮޓަރިއާއި ދިމާލަށް ދިޔަ މަންޒަރު ފެނުނެވެ. ނަމަގާޝީއާއި އޭނާގެ އާއިލާ މައިރަށަށް ފޯރުމުން، އެ މުވައްޒަފުން އެދިޔައީ އޭނާގެ އާއިލާގެ ފޮށި ތަންމަތި ހޯދުމަށްކަން އޭނާއަށް އެނގުނެވެ.

ރިސޯޓްގެ އަތިރިމަތީގައި ހުރިހާ ފަތުރުވެރިން ހަމަކޮށް، އެފަތުރުވެރިންނަށް ޚިދުމަތް ކޮށްދެވޭތޯ ހުރިހާ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތުވާލިތަކާއި ފެންފުޅިތައް މުވައްޒަފުން ވެގެން ފަތުރުވެރިންނަށް ދެމުންދިޔަކަމަށް ނަމަގާޝީ ބުންޏެވެ. އެވަގުތު އޭނާގެ އާއިލާއާއި ހަވާލުވެ ހުރި ބެލެހެއްޓުންތެރި މުވައްޒަފު ނުވަތަ ކޮންސިއަރޖް، އެ އާއިލާގެ ހުރިހާ ފޮށިތަންމަތި ސަލާމަތުން ގެނެވިއްޖެކަމަށް ނަމަގާޝީއަށް އެންގިއެވެ. އަދި އިރުކޮޅަކުން އެ ރިސޯޓްގެ ޖެނެރަލް މެނޭޖަރ އައިސް، ހުރިހާ ފަތުރުވެރިންނަށް އެހެން ރިސޯޓްތަކުން ހުރުމުގެ އިންތިޒާމް ހަމަޖައްސައިދިންކަން އެންގިއެވެ.
ނަމަގާޝީއާއި އޭނާގެ އާއިލާ އެހެން ރިސޯޓަކަށް ބަދަލުވެ، ދަތުރު ކުރުކޮށްލުމަށްފަހު އަނބުރާ ޖަޕާނަށް ދާން ބޭނުންވުމުން ކޮންސިއަރޖް ވަނީ އެ އާއިލާގެ ލަގެޖް އެއާޕޯޓުން އަނބުރާ އެ އާއިލާއަށް ރައްދުކޮށްދީފައެވެ. އޭނާ ވަނީ އަލުން ރިސޯޓް ހުޅުވުމުން އަނެއްކާވެސް ޗުއްޓީއަށް އަންނާނެކަމުގެ ޔަގީންކަން ދީފައެވެ.
ފަތުރުވެރިން ރާއްޖެ އަންނަނީ މިހެންވީމައެވެ. މެހެމާންދާރީއާއި ޒިންމާދާރުކަމުގެ ލާމަސީލު މިސާލު ދައްކާތީއެވެ. ދުނިޔެ މަތީ ސުވަރުގޭގެ ހިދުމަތްތައް، އެހާމެ ފުރިހަމަ ވީތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް