ހީތުރޯ އެއާޕޯޓްގައި ދަތުރުވެރިން ނުފުރިފައި.. ފޮޓޯ: ރޮއިޓާސް
ހީތުރޯ އެއާޕޯޓްގައި ދަތުރުވެރިން ނުފުރިފައި.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 21 Sep 2025 | 04:25

ސައިބާ އެޓޭކެއްގެ ސަބަބުން ޔޫރަޕްގެ ބައެއް ބޮޑެތި އެއާޕޯޓްތައް ހުއްޓުމަކަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސައިބާ ހަމަލާއެއް ދިނުމުގެ ސަބަބުން ޔޫރަޕްގެ ބައެއް ބޮޑެތި އެއާޕޯޓްތައް މިއަދު ހުއްޓުމަކަށް އަތުވެއްޖެއެވެ.

ބީބީސީން ބުނެފައިވަނީ މި ސައިބާ ހަމަލާތައް ދީފައިވަނީ އެއާޕޯޓްގެ ދަތުރުވެރިން ޗެކިންވުމަށް ބޭނުންކުރާ ސޮފްޓްވެއާއަށް އަމާޒުކޮށް ކަމަށެވެ. މީގެ އިތުރުން ބޯޑިން ކުރުމަށް ބޭނުންކުރާ ސޮފްޓްވެއާއަށްވެސް ވަނީ ހަމަލާތައްދީފައެވެ. މިކަމާ ގުޅިގެން ޔޫރަޕްގެ ބޮޑެތި އެއާޕޯޓްތައް ކަަމަށްވާ ހީތުރޯ އެއާޕޯޓް، ބްރަސެލްސް އެއާޕޯޓް، ބާލިން އެއާޕޯޓް، އަދި ޑަބްލިން އެއާޕޯޓް ވަނީ މުޅިންހެން ހުއްޓުަމަކަށް އައިސްފައެވެ.

މިކަމާ ގުޅިގެން ބާލިން އަދި ބްރަސެލްސް އެއާޕޯޓުން 30 ހަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވާއިރު، އެހެން އެއާޕޯޓްތަކުންވެސް ވަނީ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައެވެ. ބްރަސެލްސް އެއާޕޯޓްގެ އޮފިޝަލަކު ބީބީސީއާ ވާހަކަދައްކަމުން ބުނީ ފުރުަމަށް ހަމަޖެހިފައިވާ ދެބައިކުޅަ އެއްބައި ފްލައިޓްތައް ކެންސަލްކުރަން ޖެހިފައިވާއިރު، މީގެ ތެރޭގައި ގިނައިން ހިމެނެނީ ދުރުމަންޒިލްތަކަށް ދަތުރުކުރާ ފްލައިޓްތައް ކަމަށެވެ. މިކަމުގެ ސަބަބުން މިހަފްތާ ފްލައިޓް ޝެޑިއުލްތަކަށް ވަރަށްބޮޑަށް ބުރޫއަރާނޭކަމަށް އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ.

ބާލިން އެއާޕޯޓް... ފޮޓޯ: އޭއެފްޕީ

އެއާޕޯޓްތަކުގައި ބޭނުންކުރާ ސޮފްޓްވެއާއަށް ދިން ހަމަލާއާ ގުޅިގެން އެތައް ބަޔަކު އެއާޕޯޓްތަކުގައި ނުފުރި ތާށިވެފައި ތިބިއިރު، ބައެއް އެއާލައިންތަކުން ދަނީ މެނުއަލްކޮށް ޗެކިންކޮށް ފުރުމުގެ ކަންކަން ހަމަޖައްސަމުންނެވެ. ނަމަވެސް މިއީ ވަރަށްގިނަ ވަގުތު ނަގާކަމެއްކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ޔޫރަޕްގެ ކަމާބެހޭ އިދާރާތަކުން ދަނީ އެއާޕޯޓްގެ ސޮފްޓްވެއާތަކަށް ދިން ހަމަލާތައް ބަލަމުންނެވެ.

ޔޫރަޕްގެ އެއާޕޯޓްތަކަށް ދިން ސައިބާ ހަމަލާތަކާ ގުޅިގެން ރާއްޖެއަށްވެސް އެކަމުގެ އަސަރު ކުރާނޭކަމަށް ބައެއް ޓްރެވަލް އޭޖެންޓުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް