ދިވެހިންގެ ޒާތީ މައުލޫމާތު ހިމެނޭ އެޕްލިކޭޝަންގެ މައްސަލަ ކޯޓަށް!
މަޖިލިސް އިންތިޚާބާއި ދިމާކޮށް އެތައްހާސް ދިވެހިންގެ ޒާތީ މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރި އެޕްލިކޭޝަންގެ މައްސަލަ ކޯޓަށް ހުށައަޅައިފިއެވެ.
ސިވިލް ކޯޓަށް ހުށައެޅި މި މައްސަލައިގައި އެދިފައިވަނީ ހަކުޅި ނަމަކަށް ކިޔާ މި އެޕްލިކޭޝަންގެ ބޭނުން ކުރުމާއި ވިއްކުން ހުއްޓުވުމުގެ އަމުރަކަށާއި، އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކުރުމާއި ވިއްކުން ހުއްޓުވުމުގެ އަމުރަަކަށެވެ.
ހަަމަ އެހެންމެ، ޒާތީ މައުލޫމާާތުތަކަކީ، އެ މައުލޫމާތެއްގެ ވެރިފަރާތުގެ ހުއްދައާ ނުލައި ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ.
މިދައުވާ ހުށައަޅާފައިވަނީ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ)އިންނެވެ. މި ދައުވާ ރައްދުވާ ފަރާތަކީ މުހައްމަދު ޝުހޫދު ކިޔާ އައިޓީ ދާއިރާގެ މީހަކާއި ޑީއާރްޕީގެ ޓިކެޓުގައި މާފައްނު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވަމުން ގެންދަވާ ކެންޑިޑޭޓު އަބްދުﷲ އަބްދުލްރަހީމެވެ.
އާންމުންގެ މައުލޫމާތު އެ ފަރާތްތަކުގެ ހުއްދައާ ނުލައި ވިއްކުމަކީ، ގާނޫނު އަސާސީގެ 24 ވަނަ މާއްދާއިން ލިބެދޭ ހައްގާއި އިންޓަނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 17 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.
ހަކުޅި އެޕްގައި ގިނަ އަދަދެއްގެ އާންމުންގެ ނަން، އެޑްރެސް، ތައުލީމީ ފެންވަރު، މުސާރައިގެ ފެންވަރު، ތާއީދު ކުރާ ޕާޓީ، ފަދަ މައުލޫމާތުތައް ހިމެނެ އެވެ. އަދި ބައެއް މީހުންގެ ފޮޓޯވެސް އެ އެޕްގައި ހިމެނޭކަމަށްވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް