އިސްޓިކާ ޖަހައިގެން ދައުލަތުގެ ބަޖެޓް ނެހެދުމަށް ވަކާލާތުކުރަން ޖެހޭ: މެންބަރު ހަސަން
މާލޭގައި ހުރި ދޮޅު ލައްކަ ސައިކަލުގައި ދުވާލަކު ދިހަ އިސްޓިކާ ޖަހައިގެން ދައުލަތުގެ ބަޖެޓު ނެހެދުމަށް ވަކާލާތުކުރަން ޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސަށް ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އަތުން ދައުލަތަށް ޓެކްސް ދައްކަމުންދާ ކަމަށާއި އެހެންކަމުން ޓެކްސް ދައްކާނަމަ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދޭން ލާޒިމުވާނެ ކަމަށެވެ.
ހަސަން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް އޮތީ ރައީސް ސޯލިހު ބޭނުންފުޅުވާ ފަދަ ޖަޒީރާ ރާއްޖެއަށް ފަހިވާ ގޮތަށް ކަމަށެވެ. ނަމަވެސް ބަޖެޓް ބޮޑުވެގެންދާއިރު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
ހަސަން ވަނީ ސައިކަލުގައި އިސްޓިކާ ޖަހައިގެން ދައުލަތަށް ފައިސާ ހޯދުމާއި ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އެގޮތުން ދޮޅު ލައްކަ ސައިކަލުގައި ދުވާލަކު ދިހަ ސްޓިކާ ޖަހައިގެން 30 މިލިއަނުން 40 މިލިއަނުން ފައިސާ ނަގާއިރު އެފައިސާ ނަގަނީ ކޮން ބައެއްގެ އަތުންތޯވެސް ވިސްނާލަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.
''އަޅުގަނޑުމެންނަސް އަބަދުވެސް މިދެއްކެނީ ޓޫރިޒަމާ މަސްވެރިކަމުގެ ވާހަކަ. އެހެން ދިމާލަކުން ފައިސާ ހޯދޭނެ ގޮތެއް އާމްދަނީ ހޯދޭނެ ގޮތެއް އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ. ހަމައެކަނި މާލޭގައި ހުރި ދޮޅު ލައްކަ ސައިކަލުގައި ދުވާލަކު ދިހަ އިސްޓިކާ ޖަހައިގެން އެއީ ދައުލަތުގެ ބަޖެޓް ކަމުގައި ނެހެދުމަށް ވެސް އަޅުގަނޑުމެން އެބަޖެހޭ ވަކާލާތުކުރަން.'' މެންބަރު ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އެނޫން ގޮތަކަށް މަސައްކަތް އުފައްދައިގެން، ދައުލަތަށް ފައިސާ ނެގުމާ މެދު ރަގަޅު އުސޫލުތަކާއި ރަގަޅު ގޮތްތަކެއް ހޯދައިގެން މެނުވީ ގައުމުގެ އާމްދަނީ އިތުރު ނުކުރެވޭނެ ކަމަށެވެ.
އަބަދު ސަލާމް ޖަހަން ގައުމުތަކުގައި ނޫޅެވޭނެ ކަމަށާއި ރާއްޖެއަކީ ތަނަވަސް ގައުމެއް ކަމަށް އަބަދު ބުނަމުން ދިޔަ ނަމަވެސް، އެތަަނަވަސްކަން ނުލިބެނީ ވައްކަން ކުރާތީ ކަމަށް ހަސަން ވިދާޅުވިއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ 37.5 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން ކާލާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް