އަލް ހާފިޒް ޒަލަފް ބިން ނާފިޢު؛ އދ. މަހިބަދޫގެ ފުރަތަމަ ހާފިޒު: ފޮޓޯ/ޒަލަފްގެ އާއިލާ
އަލް ހާފިޒް ޒަލަފް ބިން ނާފިޢު؛ އދ. މަހިބަދޫގެ ފުރަތަމަ ހާފިޒު: ފޮޓޯ/ޒަލަފްގެ އާއިލާ
ރިޕޯޓް 14 Jan 2025 | 01:51

މަހިބަދޫގެ ފުރަތަމަ ހާފިޒު، އުމުރުން 12 އަހަރުގެ ޒަލަފް؛ މުޅި މަހިބަދޫވެސް ފަޚުރުވެރިވާ ދަރިއެއް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދަރިންގެ ހުވަފެންތަކަކީ ތިމާގެ އަމިއްލަ ހުވަފެންތައް ކަމުގައި ދެކި، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި، ޖާނާއި މާލުން ޤުރުބާންވާ އެތައް މައިންނާއި ބަފައިންނެއް އުޅެއެވެ. އެހެން ނަމަވެސް، ތިމާގެ މައިންބަފައިންގެ  އެންމެ ބޮޑު ހުވަފެނަކީ ތިމާގެ އަމިއްލަ ހުވަފެން ކަމުގައި ދެކި، އެ ހުވަފެނުގައި ކުލަޖެއްސުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ކޮންމެ ދަރިއަކު ކުރާނޭ ކަމެއް ނޫނެވެ. އެފަދަ ދަރިންނަކީ މައިންބަފައިންނަށް ވެސް ހުރި ބޮޑު ރަޙުމަތެކެވެ. ނިޢުމަތެކެވެ. އެ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ.

އދ. މަހިބަދޫއަށް އުފަން، އެރަށުގެ އެންމެ ފުރަތަމަ ހާފިޒް، އުމުރުން 12 އަހަރުގެ، އަލް- ހާފިޒް ޒަލަފް ބިން ނާފިޢުއަކީ އެފަދަ ދަރިއެކެވެ.

ޒަލަފް، މަންމައާއި ބައްޕަ އަދި ކޮއްކޮ އާއިއެކު: ފޮޓޯ/ޒަލަފްގެ އާއިލާ

ޒަލަފަކީ ޤުރުއާން ހިތުދަސް ކުއްޖަކަށް ވުމަށް އޭނާގެ މަންމަ އާއި ބައްޕަ ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އޭނާގެ މައިންބަފައިންނާއި އޭނާ ކުރި ބުރަ މަސައްކަތް އޭނާގެ މަންމަ ހުޝާމާ މުޙައްމަދު ”ވޮއިސް“ އަށް ވަނީ ކިޔައިދީފައެވެ.

ދަރިފުޅު ޤުރުއާނަށް ލޯބިޖެއްސުން

ޒަަލަފް ދުނިޔެއަށް އުފަންވުމުގެ މާކުރިންވެސް އޭނާގެ މަންމަ، ހުޝާމާ މުޙައްމަދު އާއި ބައްޕަ އިބްރާހީމް ނާފިޢު ދެކޭ ހުވަފެނެއް އޮވެއެވެ. އެއީ އެ މަންމަ އާއި ބައްޕަގެ ކުދިންނަކީ ދީނަށް ލޯބިކުރާ ޤުރުއާން ހިތުދަސް ހާފިޒުންނަށްވުމުގެ  ހުވަފެނެވެ.

”ދަރިއެއް ލިބުމުގެ ކުރިންވެސް ވަރަށް ބޭނުންވި، ލިބޭ ކުދިންނަކީ ޤުރުއާން ހިތުދަސް ކުދިންނަށް ވުމަށް. ޒަލަފް ލިބި، ޒަލަފްގެ އުމުރުން ގާތްގަނޑަކަށް 3 އަހަރުގައި ފާހަގަކުރެވެންފެށި ޤުރުއާނަށް ވަރަށް ލޯބި ކުރާ، ވަރަށްފަސޭހައިން ދަސްކުރާ ކުއްޖެއް ކަން. މާޝާ الله. ވަރަށް ކުޑައިރު ބަލައިގެން ޤުރުއާން ކިޔަވަންވެސް ދަސްކުރި. އެހެންވެ ވަރަށް ކުޑައިރުން ފެށިގެން ޒަލަފް ދަސްކުރަމުން އައީ ޤުރުއާން ބަލައިގެން ކިޔަވައިގެންނާއި އަޑު އަހައިގެން. ގުރުއާން ސްޕީކަރ ހިފައިގެން އުޅޭނީ.“ ޒަލަފް ގެ މަންމަ ހުޝާމާ މުޙައްމަދު ވޮއިސް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

ޒަލަފް އެންމެ ކުޑައިރުން ފެށިގެންވެސް ޤުރުއާނަށް ލޯބި ޖެއްސުމުގެ މަސައްކަތް އޭނާގެ މަންމަ ވަނީ ފަށައިފައެވެ. އެގޮތުން، ދަރިފުޅަށް ކިޔައިދެމުން އައީ ކީރިތި ގުރުޢާނުގައި އައިސްފައިވާ އެކިއެކި ވާހަކަތަކެވެ. ރަސޫލާ ޞޢވ ޙަޔާތްޕުޅުގައި ހިނގާފައިވާ އެކިއެކި ހާދިޘާތަކާއި ގުޅޭ ވާހަކަ ތަކާއި، އެކަލޭގެފާނުގެ ޞަޙާބީންގެ ޙަޔާތްޕުޅާއި ގުޅޭ ވާހަކަތަކެވެ. އެ ވާހަކަތައް ހިމެނޭ ފޮތްތައް ޒަލަފްއަށް ހޯދައިދީ، އެ ވާހަކަތައް ކިޔުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އަށަގެންނެވިއެވެ.

ޒަލަފް ޤުރުއާން ކިޔަވަނީ: ފޮަޓޯ/ މަހިބަދޫ ކައުންސިލް

ނަތީޖާއެއްގެ ގޮތުން، ޓެބްލެޓުން އެކިއެކި ގޭމު ކުޅުމާއި ޓީވީ ބެލުމުގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި، ޒަލަފުގެ ވަގުތުތައް އޭނާ ހޭދަކުރީ ޤުރުއާން ކިޔެވުމާއި، މަންމަ އާއި ބައްޕަ ހޯދައިދިން ފޮތްތައް ކިޔުމުގައެވެ.

ޒަލަފް އެންމެ ކުޑައިރުންފެށިގެންވެސް، އެންމެ އިސްކަމެއް ދިނީ ފޮތަށް ލޯބި ޖެއްސުމަށް. އެއީ ވަރަށް ގަދަ ޢަޒުމުގައި ކުރި މަސައްކަތެއް. އަލްޙަމްދުލިالله. ޒަލަފް ބޮޑުވަމުން އައީ އެގޮތަށް. އަދި ވަކިން ޚާއްސަކޮށް ފާހަގަކޮށްލަން، ޤުރުއާނުގެ ތަރުޖަމާ ކިޔުމަށް ޒަލަފްގެ ހުންނަ ޝައުގު. ގުރުއާން ކިޔެވުމުގެ އިތުރުން މާނައަށްވެސް ވަރަށް ބަލާނެ. ތަނެއް ދަސްކުރަން އުނދަގޫ ވިޔަސް ތަރުޖަމާ ކިޔާނެ. ކިޔައިގެން ދަސްކުރަން މަސައްކަތް ކުރާނެ.

ޒަލަފްގެ މަންމަ ހުޝާމާ

މަންމައާއި ބައްޕަގެ ހުވަފެން ހަޤީގަތަކަށް

ޒަލަފްގެ މަންމަ ކިޔައިދިން ގޮތުގައިގައި، އެންމެ ކުޑައިރުން ފެށިގެންވެސް ޒަލަފް ބައިވެރިވަމުން އައި ގުރުއާން މުބާރާތް ތަކުގެ، މުގައްރަރަށްވުރެ އެއް ފޮތް ނުވަތަ ދެ ފޮތް އިތުރަށް އަބަދުވެސް އޭނާ ހިތުދަސް ކުރެއެވެ.

އެހެންކަމުން، 2022 ވަނަ އަހަރު، ރަސްމީކޮށް ޤުރުއާން ހިފްޒު ކުރުމުގެ މަސައްކަތް ފެށިއިރުވެސް ގުރުއާން ނިމޭ ކޮޅުންނާއި ފެށޭ ކޮޅުން ގިނަ ފޮތްތަކާއި އާއްމުކޮށް ކިޔަވައި އުޅޭ ސޫރަތްތައް ޒަލަފަށް އޮތީ ހިތުން ދަސްވެފައެވެ.

އަދި އައު ސޫރަތްތައް ދަސްކުރަމުން ދިޔައިރު، ކުރިން ދަސްކޮށްފައި ހުރި ސޫރަތްތައް މުރާޖާ ކުރުމުގެ މަސައްކަތް ޒަލަފް ދިޔައީ ކުރަމުންނެވެ. މި ހުރިހާ ކަމެއްވެސް ކުރަމުން އައީ ވަކި ތާވަލެއްގެ ތެރެއިންނެވެ. ޤުރުއާން ހިތުދަސްކުރުމުގެ އިތުރުން، ސްކޫލު ފިލާވަޅުތައް ހަދައި، ދަސްކޮށް، ދެންވެސް ސުކޫލުގައި އޮންނަ ހުރިހާ އިތުރު ހަރަކާތެއްގައި ޒަލަފް އައީ ބައިވެރިވަމުންނެވެ. އެހެންކަމުން، ޤުރުއާނަށް އެންމެ އިސްކަމެއް ދީގެން ކަންކަން ބައްޓަން ކުރުމަށް، ހެދިފައިވާ ތާވަލާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ޒަލަފްގެ މަންމަ ދިޔައީ ގަދައަޅައި މަސައްކަތްކުރަމުންނެވެ.

އަތޮޅު ޤުރުއާން މުބާރާތުގައި ޒަލަފް ޤުރުއާން ކިޔަވަނީ: ފޮޓޯ/ އދ. އަތޮޅު ކައުންސިލް

”ޒަލަފްގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ވަކި ޝެޑިއުލްއެއްގެ ތެރެއިން.   އެއާއި އެއްގޮތަށް ކުރިއަށް ދިޔުމަށް ޒަލަފްގެ ބައްޕަގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބޭ… މެންދުރަށް ސުކޫލް ނިމޭއިރު، މެންދުރު ނަމާދުކޮށް، އޭގެ ފަހުން ޒަލަފް ޤުރުއާން ކިޔަވާނީ. ޒަލަފް ކިޔަވާއިރު، އަބަދުވެސް އަޅުގަނޑު އިންނަން އޭނާ ކައިރީގައި. އެކަނި ކިޔަވަން ދޫކޮށެއް ނުލަން. ކޮންމެ ގޮތެއް ހަދާފައިވެސް އެ ވަގުތަށް ހުސްވަން. ދެން މެންދުރު ފަހުންނާއި ފަތިސް ގަޑީގައިވެސް ކިޔަވާނެ ގުރުއާން. ރޭގަނޑު ގަޑީގައި ސުކޫލް ފިލާވަޅު ހަދާނީ. އަބަދުވެސް އެގޮތަށް ހަދާތީވެ، ޒަލަފާއި ދެން ޖެހިގެން ތިބި ދެކުދިންވެސް ތިބެނީ އެގޮތަށް ސެޓުވެފައި. އެކުދިންނަށްވެސް އެނގޭނެ އެއީ ކިޔަވާ ގަޑިކަން. ދޮންބެ އެގޮތަށް ކިޔަވާތި ދެން ތިބި ކުދިންވެސް ދޮންބެ ނަމޫނާަ އަކަށް ބަލައިގެން ކިޔަވާނެ.“ ތިން ކުދިންގެ މަންމަ ހުޝާމާ ވޮއިސް އަށް ކިޔައިދިނެވެ.

މަހިބަދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާގެ ތެރެއިން: ފޮޓޯ/ މަހިބަދޫ ކައުންސިލް

ޒަލަފްގެ މަންމަ ކިޔައިދިން ގޮތުގައި، ޤުރުއާން ހިތުދަސް ހާފިޒަކަށްވުމަށް މަންމަ އާއި ބައްޕަ ދެކެމުންއައި ހުވަފެނުގައި ކުލަޖެއްސުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްފައިވަނީ ޚުދު ޒަލަފެވެ.

އެގޮތުން، ޤުރުއާން ހިތުދަސް ކުރުމުގެ ޢަޒުމުގައި އޭނާ ކިޔަވަމުންދިޔައިރު ބައެއް ފަހަރު ދަސްކުރަން އުނދަގޫ ސޫރަތްތައް އައި ނަމަވެސް، އެ ސޫރަތްތައް ދަސްކުރަން ފަސޭހަ ކުރުމަށް ސޫރަތްތަކުގެ ތަރުޖަމާ ކިޔައި، އެހެން ސޫރަތްތައް ދަސްކުރުމަށް ކިޔަވާ ވަރަށްވުރެ އިތުރަށް އެ ސޫރަތްތައް ކިޔެވުމަށް މަސައްކަތް ކުރެއެވެ.

ހަގީގަތުގައި ޤުރުއާން ހިތުދަސް ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ޒަލަފް. ޤުރުއާން ހިތުދަސް ކުއްޖަކަށް ވާން މަންމަ އާއި ބައްޕަ ބޭނުންކަން އެނގުމުން މަންމަ އާއި ބައްޕަގެ އެ ހުވަފެނަކީ ޒަލަފްގެވެސް ހުވަފެނަށް ހަދައިގެން މަސައްކަތް ކުރިތަން ފެނުނު. ވަރަށް ބޮޑަށް ބޭނުން ވެގެން ވަރަށް މަސައްކަތް ކުރި އަމިއްލައަށްވެސް. ދަސްކުރާ ވަރަށް މުރާޖާވެސް ކުރަމުން ދިޔައީ. އެހެންވެ އެއްކޮށް ދަސްކޮށްފައި، މުރާޖާ ކުރުމަށް ދުވަސްތަކެއް ނުނެގި.

ޒަލަފްގެ މަންމަ ހުޝާމާ

ޒަލަފްގެ އެ ބުރަ މަސައްކަތުގައި، އޭނާގެ މަންމަގެ އެއްބާރުލުން މެދުކެނޑުމެއްނެތި ލިބެމުންދިޔައިރު، ބައްޕަ ދިޔައީ ހުއްޓުމެއްނެތި ހިތްވަރު ދެމުންނެވެ. އޭނާގެ އެންމެ ގާތުގައި އަބަދުވެސް ދެމީހުން ތިބެއެވެ.

ނަތީޖާއެއްގެ ގޮތުން، މަންމަ އާއި ބައްޕަގެ ޤުރުބާނީގެ ފޮނި މީރުކަން މިއަދު މިވަނީ ލިބިފައެވެ. އދ. މަހިބަދޫގެ ތާރީޚުގައިވެސް ފުރަތަމަ ހާފިޒު ކަމުގެ ސަނަދު ހޯދި ދަރަވަރަކަށް މިއަދު ޒަލަފް އެވަނީ ވެފައެވެ. މިއަދު މުޅި މަހިބަދޫގެ ކުދި ބޮޑު އެންމެންގެ ދުލުންވެސް ކިޔަމުންދަނީ ޒަލަފްގެ ވާހަކައެވެ. އެއީ މަހިބަދޫވެސް ފަޚުރުވެރިވާ ދަރިއެކެވެ.

”ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ. މަންމައާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދައިދެވުނީމަ.“ ވޮއިސްއަށް ދިން ބަސްދީގަތުމެއްގައި ޒަލަފް ބުންޏެވެ.

ޒަލަފަށް މިފަދަ ބޮޑު ކާމިޔާބީއެއް ދެއްވި ކަމަށްޓަކައި އެންމެ ބޮޑަށް ޝުކުރުވެރިވަނީ އެކަން މިންވަރު ކުރެއްވި الله ސުބުޙާނަހޫ ވަތަޢާލާ އަށެވެ.

”ދެން އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވަނީ މަންމަ އާއި ބައްޕައާއި ޢާއިލާގެ ހުރިހާ މެންބަރުންނާއި ހެޔޮ ދުޢާ ކޮށް ހިތްވަރުދިން އެންމެނަށް. އަދި ސުކޫލުގެ ކުރީގެ ޢަރަބި މުދައްރިސް ޑރ. ހަސަން ރަމަޟާން އާއި، އާދަމް ނަސީރު ސަރ އާއި، އާމިރާ މިސް އާއި، އަބްދުލް ހައްޔު ސަރ އާއި، ހަސަން ޝިހާމް ސަރ އާއި، ސުކޫލުގެ މެނޭޖްމަންޓަށާއި، ސްކޫލް ރިލިޖަސް ކްލަބުގެ މެންބަރުންނަށާއި، އެންމެހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އދ އަތޮޅު ކައުންސިލާއި މަހިބަދޫ ކައުންސިލްގެ އިސްވެރިންގެ އިތުރުން، މުރާޖާ ކޮށްދެއްވި އުސްތާޛް ހާމިދަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ރައްދު ކުރަން“ ކާމިޔާބީގެ ފަހަތުގައިވާ ފަރާތްތަކަށް ޝުކުރު އަދާ ކުރަމުން ޒަލަފް ބުނެފައިވެއެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ، މަހިބަދޫ ގޮފީގެ ހިފްޒު ކްލާހުން އެއްވަނަ ދަރިވަރު ޒަލަފަށް ޓްރޮފީ ހަވާލު ކުރުން: ފޮޓޯ/ އދ. އަތޮޅު ކައުން

އުއްމީދަކީ ދެ ކޮއްކޮވެސް ހާފިޒުންނަށް ވުން

ޒަލަފްގެ މަންމަ އާއި ބައްޕަގެ ޒަލަފްގެ އިތުރުން ދެ ކުދިން ތިބެއެވެ. އެ ދެކުދިންނަކީވެސް ޒަލަފް ފަދަ ޤުރުއާނަށް ލޯބިކުރާ ދެކުދިންނެވެ. ޒަލަފްގެ އެންމެ ބޮޑު އެއް ހުވަފެނަކީ އެ ދެކުދިންނަކީވެސް ޒަލަފް ފަދައިން ޤުރުއާން ހިތުދަސް ކުދިންނަށް ވުމެވެ. އެކަމަށްޓަކައި ކޮއްކޮމެންނަށް އެހީވުމަށް ޒަލަފް ހުރީ އަތުކުރި އޮޅާލައިގެންނެވެ.

އަދި ހަމަ އެހެންމެ، މަހިބަދޫގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާވެ އިތުރު ހާފިޒުން އުފެދިގެން އައުމަކީ ޒަލަފްގެ އުއްމީދެވެ.

ކުރިއަށް އޮތް ތަނުގައި ޒަލަފްގެ ބައްޕަ ފަދައިން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުމުގެ ހުއްދަ ލިބި ތަރާވީހް ނަމާދު ކުރުމުގެވެސް ހުއްދަ ލިބުމަކީ ޒަލަފް ނުހަނު ބޮޑަށް އެދޭ އެދުމެކެވެ. އަދި އޯލެވެލް ނިންމައި، އޭލެވެލްވެސް ކިޔެވުމަށްފަހު، މަދީނާ ޔުނިވާސިޓީއިން ދީނީ ޢިލްމު ކިޔަވަން ސްކޯލާޝިޕެއް ލިބި، ދީނަށް ޚިދުމަތް ކުރުމަށް މަގުފަހިވެގެން ދިޔުމަކީ ޒަލަފްގެ ވަރަށް ބޮޑު ހުވަފެނެކެވެ.

ޒަލަފް ކީރިތި ޤުރުއާން ހިތުދަސް ކުރުމަށް އެ ކުރި ދަތުރުން އެނގިގެންދިޔައީ ހިތްވަރާއި ޢަޒުމާއެކު ކަމެއް ކޮށްފިނަމަ އެކަން ކާމިޔާބު ވާނެ ކަމެވެ. ދަރިންނަށް އަބަދާއި އަބަދު ފޯނާއި ޓެބްލެޓާއި ޓީވީ ދީފައި ބެއިތިއްބުމުގެ ބަދަލުގައި ކުދިންގެ ދެދުނިޔެއަށްވެސް ފައިދާ ކުރުވާނެ ކަމަކަށް ލޯބިޖެއްސުމުން އެއިން ދުނިޔެމަތީގައިވެސް ލިބިގެންދާނެ އުފަލާއި ހިތްހަމަ ޖެހުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ހޯދައިފި
10 Sep 2026 ކުޅިވަރު

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ހޯދައިފި

އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ. ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ސްޓެލްކޯ ކ...

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ހޯދައިފި
10 Sep 2026 ކުޅިވަރު

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ހޯދައިފި

އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕި...

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
08 Sep 2026 ކުޅިވަރު

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ

އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ. މުބާރާތުގެ 36 ވަނަ މެޗުގައި ބައްދަލުކުރ...

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
08 Sep 2026 ކުޅިވަރު

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި...

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލް-އޭ އަދި ސްޓެލްކޯ ކޭ-38 ތާވަލްގެ އެއްވަނާގައި
08 Sep 2026 ކުޅިވަރު

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލް-އޭ އަދި ސްޓެލްކޯ ކޭ-38 ތާވަލްގެ އެއްވަނާގައި

އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު، ހޮސްޕިޓަލް-އޭ އަދި ސްޓެލްކޯ ކޭ-38 އިން ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެ...

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ވޮރިއާޒް އަދި ސްކާލެޓް މޮޅުވެއްޖެ
08 Sep 2026 ކުޅިވަރު

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ވޮރިއާޒް އަދި ސްކާލެޓް މޮޅުވެއްޖެ

އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ޓީމުތަކުން ކަށަވަރުކޮށްފިއެވެ. މުބާރާތުގ...