ނޭޕާލްގެ ދާހިލީ ވަޒީރު ރަމޭޝް... ފޮޓޯ: ކަތަމަންޑޫ ޕޯސްޓް
ނޭޕާލްގެ ދާހިލީ ވަޒީރު ރަމޭޝް... ފޮޓޯ: ކަތަމަންޑޫ ޕޯސްޓް
ދުނިޔެ 08 Sep 2025 | 15:25

ޖެންޒީންގެ މުޒާހަރާ ހޫނުވެ، ނޭޕާލްގެ ދާހިލީ ވަޒީރު އިސްތިއުފާ ދެއްވައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ޖެންޒީން ފަށާފައިވާ މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެޤައުމުގެ ދާހިލީ ވަޒީރު ރަމޭޝް ލެހާކް އިސްތިއުފާދެއްވައިފިއެވެ.

ރަމޭޝް އިސްތިއުފާދެއްވައި ސިޓީ ބޮޑުވަޒީރު ކޭޕީ ޝަރްމާގެ އަތްޕުޅަށް އަރުވާފައިވާއިރު، ކަތަމަންޑޫގައި ޖެންޒީން ފެށި މުޒާހަރާތައް ވަނީ ކުރިން ހީކުރިވަރަށްވުރެ ހޫނުވެފައެވެ. މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި ހިނގި ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެފައިވާކަމަށް ނޭޕާލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ. އަދި 400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައި ގިނައީ މުޒާހަރާގެ ބައިވެރިންނެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ދާހިލީ ވަޒީރު އިސްތިއުފާދެއްވުމުގެ މައިގަނޑު ސަބަބަކީ މޫޒާހަރާތައް ހޫނުވެ، މީހުންގެ ފުރާނަ ގެއްލުމާއި، އާއްމުންގެ މުދަލަށާއި، އެނޫންވެސް ބޮޑެތި ގެއްލުންތައް ވާން ފެށުމުންނެވެ.

ކަތަމަންޑޫގައި ޖެންޒީން ކުރިއަށްގެންދާ މުޒާހަރާ.. ފޮޓޯ: ހިމާލް ޕްރެސް

ޖެންޒީން ފެށި މުޒާހަރާތައް ހޫނުވީ ސަލާމަތީ ބާރުތަކުން އަމަލުކުރިގޮތުންކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އެގޮތުން މިންގަނޑުން ބޭރުން ބާރުގެ ބޭނުންކުރުމުމަކީ ޖެންޒީން ފާހަގަކުރި އެއްކަންތަކެވެ. މުޒާހަރާތައް ހޫނުވެ ޖެންޒީން ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތްކޮށް، އިމާރާތުގެ ބައެއްގައި ހުޅުޖެހިއިރު، ފުލުހުން ވަނީ އަސްލުވަޒަން ބޭނުންކޮށްފައެވެ.

މީޑިއާތަކުން ބުނާގޮތުގައި ފުލުހުން އަސްލު ވަޒަން ބޭނުންކޮށްފައިވަނީ އެކަންކުރުމަށް އޯޑަރު އައުމުންނެވެ.

ހަމަނުޖެހުންތައް ހޫނުވެ އެންމެފަހުން އާއްމުންގެ މުދަލަށް ގެއްލުންވާހިސާބަށް ކަތަމަންޑޫގެ ހާލަތު ގޮސްފައިވާއިރު، މިއަދުގެ ވަގުތެއްގައި ވަނީ ކާފިއުވެސް އިއުލާނުކޮށްފައެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބަންދުކުރުމާ ދެކޮޅު ހެދުމުގެ އިތުރުން ޖެންޒީން މަގުތަކަށް ނިކުތީ ސަރުކާރުގެ އޮފިޝަލުން ޒިންމާދާރުކުރުވުމަށް ގޮވާލާ ކެމްޕެއިނެއް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް ވަކި ހިސާބަކުން ސުލްހަވެރި އިހުތިޖާޖުކުރުން މުޒާހަރާތަކަށް ބަދަލުވެ، އެންމެފަހުން މުޒާހަރާތައް ވަނީ ކަތަމަންޑޫގެ އެކި ހިސާބުތަކަށް ފެތުރިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް