ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުން ލަސްވުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު
ފުލުހުންގެ މުއައްސަސާ ރިފޯމު ކުރުން ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މަރުވި މ.އޭޝިޔާ، އީވާން ނަސީމްގެ މަރުގެ މައްސަލައިގެ ހަނދާންތައް އާ ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އީވާން މަރުވިއިރު، އޭނާގެ އުމުރަކީ 19އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންއެސްއެސްގެ ފުލުހުން މާފުށީ ޖަލުގައި އީވާން ނަސީމަށް އަނިޔާކޮށް، އޭނާ މަރާލާފައިވަނީ މީގެ 15 އަހަރު ކުރިން ކަމަށެވެ. އަދި އީވާންގެ މަރާއި ގުޅިގެން، އެކަމާ ދެކޮޅަށް އަޑު އުފުލި އެހެން ގައިދީން ގަޔަށް ފުލުހުން ބަޑި ޖަހާފައިވާ ކަމަށާއި، އެ މަރުތަކާއެކު މާލޭގައި ހަމަނުޖެހުންތައް އިތުރުވެ، ޑިމޮކްރަސީގެ މޫވްމަންޓް ފެށިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
"ފުލުހުންގެ މުުއައްސަސާ ރިފޯމް ކުރުން އަވަސްމިނުގައި ކުރިއަށް ނުދާތީ ކަންބޮޑުވޭ" އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ފުލުހުންގެ މުުއައްސަސާ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ފުލުހުންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ނުކިޔަމަންތެރިކަން ދައްކައިގެން، އެމީހުންނަށް ވެރިކަން ބަދަލު ކުރެވިދާނޭ ކަމަށް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
އަދި އެމަނިކުފާނަށް ފުލުހުންގެ ބަޔަކު ފާރަލަމުންދާ ކަމަށްވެސް މީގެ ކުރިން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް