ބޯހިޔާވަހިކަން އެންމެ ހައްގީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް- އަލްހާން
ބޯހިޔާވަހިކަން އެންމެ ހައްގީ މާލޭ ސިޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އަލްހާން ވިދާޅުއްވެއްޖެއެވެ.
އޭނާ ކުރިމަތިލައްވާފައިވާ ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވެފައިވަނީ ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ނަމަވެސް ބޯހިޔާވަހިކަން އެންމެ ބޮޑަށް ހައްގުވަނީ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ އުއްމީދު ދީގެން މާލެސިޓީ ދަފްތަރުގައި ރަޖިސްޓާރކޮށްފައިވާ ހަތްހާސް ހަތްސަތޭކަ ރައްޔިތުންނަށް ކަަމަށެވެ.
ދަފުތަރުގައި ޖެހިފައިވާ މީހުންނަކީ ދުނިޔޭގެ މިނެކިރާ މިންގަޑުން ބަލާކަމުގައިވާނަމަ އެއީ ރެފިއުޖީން ކަމަށާއި، އެއީ ގައުމެއްގެ ރައްޔިތުންނަށްވެ، ޕާސްޕޯޓްވެސް އޮވެ، އުޅޭނެ ތަނެއް އަދި ޖަހާނެ އެޑްރޭހެއް ނެތް މީހުން ކަމަށް އަލްހާން ފާހަގަކުރެއްވިއެވެ.
އަދި ދަފުތަރުގައި ތިބޭ މީހުންނަކީ ހަމައެކަނި ނަމްބަރެއް ޖަހާފައިވާ މީހުުންކަމަށާއި، ދިވެއްސަކަށް ވީތީ އެމީހުންނަށް ލިބެންޖެހޭ އިއްޒަތާއި ކަރާމަތް ކޮަބައިތޯ އަލްހާން ވަނީ ސުވާލުއުފައްދާފައެވެ.
ދަފުތަރުގައި ޖެހިފައިވާ މީހުން އެކަންކުރީ ރުހުމުގައި ވިޔަސް އަދި ނުރުހުމުގައި ވި ނަމަވެސް އެކަމުގައި ދިވެހި ދައުލަތާއި، ސަރުކާރުތަކުގެ އިހުމާލު އެބައޮތް ކަމަށް އަލްހާން ވަނީ ފާހަގަކުރައްވާފައެވެ.
އަދި ދަފްތަރުގައި ހިމެނޭ 7700 މީހުންނަށް ވީހާވެސް އަވަހަކަށް ބޯހިޔާވަހިކަން ދެއްވުމަށް އަލްހާން ވަނީ ރައީސަށް ދަންނަވާފައެވެ.
އަލްހާން ވިދާޅުވީ މީހެއްގެ ކައިރީގައި ދާއިމީ އެޑްރެސް އަހާލުމުން 134 ދަފްތަރޭ ބުނާ ހާލަތައް ގޮސްގެން ނުވާނެ ކަމަށާއި، އެއީ ވަގުތުން ހައްލުކުރަންޖެހޭ މައްސަލައެއް ކަމަށްވެސް އަލްހާން ވަނީ ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް