އެމްއެންޔޫގެ ޝަރީޢާ ފެކަލްޓީ ހިންގާ އިމާރާތް ތަޅާލަނީ!
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޝަރީއާ ކޯސްތަކާއި ފައުންޑޭޝަން ސްޓަޑީޒްގެ ކޯސްތައް ހިންގަމުންދާ އިމާރާތް ހުސްކުރުމަށް އަންގައިފިއެވެ.
ކުރީގެ އެމްއީއެސް ސްކޫލް ހިންގި އިމާރާތް ހުސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ ނޮވެމްބަރ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ. މިތަން ހުސްކުރުމަށް އަންގާފައިވަނީ އެއް ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލެއް އެޅުމަށެވެ.
މީގެ ކުރިން އެމްއެންޔޫގެ ފައުންޑޭޝަން، އާޓްސް އަދި ޝަރީއާ އެންޑް ލޯގެ ކޯސްތައް ހިންގަމުންދިޔައީ ބާ ޖަމާލުއްދީން އިމާރާތުގައެވެ. ނަމަވެސް އެތަން ބާވެ، ކިޔަވަމުންދާ ދަރިވަރުންނަށް ގެއްލުންވެދާނެކަމުގެ ބިރު ހީވެފައި އޮތުމުން އެތަނުގައި ކިޔަވައިދިނުން ހުއްޓާލިއެވެ.
އެމްއެންޔޫއިން މީގެކުރިން ބޭނުންކުރަމުން އައި ޞަލާހުއްދީން ބިލްޑިންގ ބޭނުންކުރުން ހުއްޓާލުމުގެ ސަބަބުންވެސް ޖާގައިގެ ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ރާާއްޖޭގެ މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފު ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން އެމްއީއެސް އިމާރާތުގައި ކުރިއަށްގެންދާ ބައެއް ކޯސްތަކަށް އިތުރަށް ކުދިން ނުނަގަން ޖެހިދާނެކަމަށެވެ.
އަދި މިހާރު ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެހެން ހެދުމަށް މަސައްކަތްކުރަމުންދާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް