ޗައިނާގެ ގުޅުމަށް އިހުތިރާމުކުރޭ: މޫސަ
ރާއްޖޭގެ ސިޔާސީ ވެރިން، ތަޅައި ނުފޮޅައި، ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމަށް އިހުތިރާމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ގޮވައިލައްވައިފިއެވެ.
މޫސާ މަނިކު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައި ވަނިކޮށެވެ.
އިންޑިއާގެ "ލޮކް ސަބާ ޓީވީ" ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ މެދުވެރިކޮށް ގައުމަށް ގެނައި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު ސޮއި ކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަފުޅާއި ގުޅިގެން ސިޔާސީ ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.
އެކަމަސް އިޝާރާތްކުރައްވައި މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އާމްދަނީ އެންމެ ބޮޑަށް ބަރޯސާވާ ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާގެ ފަތުރުވެރިންގެ ފަރާތުން ބޮޑު ފައިދާއެއް ވަމުންދާ ކަމަށެވެ.
އެހެންވެ، ސިޔާސީ ވެރިން އެކަކު އަނެކަކާ ތަޅާނުފޮޅައި އިހުތިރާމު ކުރުން ވަރަށް މުހިންމު ކަމަށް މޫސަ ވިދާޅުވިއެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލީ، 2017ގައެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުން މަރުވެފައިވާ ކަމަށާއި އެ އެއްބަސްވުން ތަންފީޒުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށެވެ.
އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުން އެ އެއްބަސްވުން ތަންފީޒުކުރަން އެއްބަސްވެދާނެ ކަމަށް ގަބޫލުފުޅުނުކުރައްވާނެ ކަމަށް ވެސްނަޝީދު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް