ފުލެޓްތައް މަދުވެއްޖެ، ފުލެޓްތަކުގެ ސައިޒު ބޮޑެއްނުވި، މިވީ ކިހިނެއް: ޑރ. މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހިޔާ މަޝްރޫޢުގެ ދަށުން ހެދި ފުލެޓްތަކުގެ އަދަދު މަދުވި އިރު ފުލެޓްތަކުގެ ސައިޒު ބޮޑުނުވާތީ، އެހެންވާންޖެހުނީ ކީއްވެތޯ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
ޗެނަލް ތާޓީންގެ ނިއުސްޓޯކު ޕޮރޮގްރާމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީވެސް ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހިއްކާފައިވާ ސަހަރެއް ކަމަށާއި 240 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ބޮޑެތި މަޝްރޫއުތަކެއް ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަކަމަށެވެ.
އަދި ދެ ކޮޓަރީގެ ފުލެޓްތައް ތިން ކޮޓަރިއަށް ބަދަލުކުރާނެ ވާހަކަ މިސަރުކާރުން ދެއްކި ކަމަށާއި ނަމަވެސް އޭގެ 7 މަސް ފަހުން އަނެއްކާވެސް ދެކޮޓަރީގެ އެޕާޓްމަންޓްތައް ހެދުމަށްފަހު މިއަދު ފުލެޓްތަކުގެ އަދަދު މަދުވި ވާހަކައާއި އަގުބޮޑުވި ވާހަކަ ދެއްކުމުން އެވީގޮތަކާއި މެދު ސުވާލު އުފެދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 140 ފުލެޓް މަދުވެއްޖެ ކަމަށާއި ފުލެޓްގެ އަގުވެސް 50 ޕަސެންޓް މިހާރު ބޮޑުކޮށްފި ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަގޮތް ރައްޔިތުންނަށް ސާފުކޮށްދެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އަދި ރައްޔިތުންނާ ގުޅުންހުރި އެތައްހާސް މަޝްރޫޢުތަކެއް ހިންގަން ފެށިއިރު އެންމެ މުހިންމު އެއް މަޝްރޫއަކީ ހަތް ހާސް ފުލެޓް އެޅުމުގެ މަސައްކަތް ކަމަށާއި އެމަސައްކަތް ކޮށް ނިމެނިކޮށް ސަރުކާރު ބަދަލުވީ ފަހުން މިވީ އަށް މަސްދުވަސްތެރޭގައި އެދެވޭ ގޮތެއްގައި މަޝްރޫއު ކުރިއަށް ނުދާކަމަށެވެ.
އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ނަމަ މިއަދު ރައްޔިތުން ތިބޭނީ ފުލެޓްތަކަށް ވަދެފައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއު ފެށި އިރު 2019 ގެ ޖޫން މަހުގެ ތެރޭގައި ފުލެޓަށް މީހުން ވެއްދުމަށް ޕްލޭންކޮށްފައި ވާނެ ކަމަށެވެ.
މިސަރުކާރުގެ މިހާ ހިސާބަށް އައި އިރުވެސް ރައްޔިތުންނަށް ފައިދާހުރި މަސައްކަތެއް ކޮށްދޭތަން ނުފެންނަ ކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި ސަރުކާރުގެ ޕްލޭނެއް ނެތްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ބޮލަށް އެރިގެން ރައީސް ޔާމީންގެ އަގުވައްޓައިލުމަށް ކަމަށެވެ.
އަދި އަމިއްލައަށް އިސް ނަގައިގެން އާ ކަމެއް ކުރަން އުޅޭތަން ނުފެންނަ ކަމަށާއި އައު މަޝްރޫއުއެއްވެސް ނުހިންގާ ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެއްވި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް