"ކޮންމެ ރެއަކު 12 ޖެހުމުނ ޖަލު ގޮޅިން ނެރެ ތަޅާއަނިޔަކުރި"
ފުލުހުންގެ ބަންދުގައި ހުރި ފަރާތަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ދޮގުކޮށްފިއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށްބުނެ ގަލޮޅުގެ ގެއަކުން ހައްޔަރުކުރެވުނު މި މީހާގެ އާއިލާއިން ވޮއިސްއަށް މައުލޫމާތު ދެމުން ބުނީ އެމީހާ ހައްޔަރުކުރެވުނީ މިމަހުގެ 8 ވަނަ ދުވަހުގައިކަމަށެވެ. އަދި އެމީހާ ދޫކޮށްލެވުނީ ބަންދުގެ މުއްދަތު ހަމަވުމުން މިމަހުގެ 20ވަނަ ދުވަހުގައި ކަމަށެވެ.
ނަފްސާނީ ބަލި ހުންނަ މި މީހާ ފުލުހުންގެ ބަންދުގައި ދޫނިދޫ އަދި އަތޮޅުވެހީގައި ހުރިއިރު، އޭނާއަށް އަނިޔާކޮށްފައިވާކަމަށް އާއިލާއިން ވަނީ އެމީހާއާއި ހަވާލާދީ ތުހުމަތުކޮށްފައެވެ. އެގޮތުން އޭނާގެ ބޮލާއި އަތުގެ ތަންތަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ބަންދުން ދޫކޮށްލިއިރު، އޭނާ އަށް ލިބިފައިހުރި އަނިޔާގެ މިންވަރުން ވާހަކަދެއްކެނީވެސް ކިރިޔާ ކަމަށް އާއިލާއިން ބުންޏެވެ.
ހައްޔަރުކުރެވުނު މީހާއާއި ހަވާލާދީ އާއިލާއިން ބުނީ އޭނާ ބަންދުގައި ހުރިއިރު ކޮންމެ ރެއަކު 12ޖަހާއިރު ގޮޅިން ނެރެ ބަޔަކު ތަޅާކަމަށް ބުނިކަމަށާއި ނަމަވެސް ތަޅަނީ ކޮންބައެއްކަން ނޭނގޭކަމަށެވެ.

މިކަމާއި ގުޅިގެން އާއިލާއިން ފުލުހުންނާއި ސުވާލުކުރުމުން އެ މައްސަލަ ބަލާނެކަމަށް ބުނެ، ޑީއީޑީގެ ދެ ފުލުހުންނާއި އެޗްއާރްސީއެމްގެ ދެ ފަރާތަކުން އައިސް ހައްޔަރުކުރެވުނު މީހާގެ ގައިގައި ހުރި ޒަޚަމްތަކުގެ ފޮޓޯތައް ނެގިކަމަށް އާއިލާއިން ބުންޏެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ 20 މާޗްގައި ފުުލުހުންގެ ބަންދުގައި ހުރި މީހަކު، ދަންވަރުގެ ވަގުތެއްގައި އޭނަ ހުރި ގޮޅީގެ ތެރެއަށް ވެއްޓިގެން ދޫނިދޫގެ ކްލިނިކަށް ދައްކާފައިވާނެކަމަށެވެ. އަދި އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކަށް ބޭސްއެޅި ކަމަށާއި ނަމަވެސް އޭނަ އަމިއްލައަށް ބޮލުން ބޭސްގަނޑު ނައްޓާލިކަމަށެވެ. އެހެންކަމުން އަނެއްކާވެސް ބޮލުގައި ބޭސްގަނޑު އެޅިކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެމީހާ ބަންދަށް ގެނެވުނު ފަހުން ހަތަރު ފަހަރު ދޫނިދޫގެ މެޑިކަލްއަށް ދައްކާ، އެއްފަހަރު މާލެ ގެނެސް ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދައްކާފައިވާނެކަމަށެވެ. އަދި ބަންދުގެ މުއްދަތު ހަމަވެގެން އޭނާ ދޫކޮށްލިއިރު، ވިތްޑްރޯވަލް ނިޝާންތައް ހުރުމުން އޭނާ އާއިލާއާއި ހަވާލުކުރެވުނުކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މީހާ އަކީ އާއިލީ މައްސަލައެއްގައި މީގެ ކުރިންެވެސް ފުުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތެކެވެ. އާއިލާއިން މައުލޫމާތު ދޭގޮތުގައި އެފަހަރު، އޭނާގެ މެޑިކަލް ރިޕޯޓްގައި ޖަލުގައި އޭނާ ނުގެންގުޅެވޭނެކަމަށް ބުނެފައިވުމުން އެމީހާ ދޫކޮށްލިކަމަށެވެ. އަދި މިފަހަރުވެސް މެޑިކަލް ރިޕޯޓް ދެއްކިކަމަށް އާއިލާއިން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް