ދެ ސަފީރަކަށް މަގާމުގެ ފަތްކޮޅުދީފި
ރާއްޖެއިން ބޭރުގެ ގައުމުތަކަށް ކަނޑައަޅާ ދެ ސަފީރަކަށް މަގާމުގެ ފަތްކޮޅު ދީފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި މަގާމުގެ ފަތްކޮޅު ދީފައިވަނީ ރާއްޖޭގެ ފަރާތުން ޖަރުމަނުވިލާތަށާއި ސްރީލަންކާއަށް ކަނޑައަޅާ ސަފީރަށެވެ.
އެގޮތުން ފަތްކޮޅުދީފައިވަނީ، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ސީވީޑް އަޙްމަދު ލަޠީފު އަދި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް، ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އަށެވެ.
ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި އަޙްމަދު ލަޠީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އަޙްމަދު ލަޠީފަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މަރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ޢުމަރު ޢަބްދުއްރައްޒާޤު މީގެކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ބޭރުގެ ބޭންކްތަކުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރިންގެ މަސައްކަތާއި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ފޮރިން ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް