ހައްލު ހޯދައިނުދީ މާލޭ މަގުތަކުން ޕެލެޓްނެގުމުގެ މަސައްކަތް ފަށައިފި
މާލޭގެ މަގުތައްމަތީގައި ބެހެއްޓިފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ކުރި ޓްވީޓެއްގައެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތައްމަތީގައި ގަވާއިދާއި ޚިލާފަށް ބަހައްޓާފައިހުރި ޕެލެޓްތަކާއި ރޭމްޕްތައް ނެގުމުގެ މަސައްކަތް މިއަދު ހެނދުނުން ފަށައިގެން ކުރިއަށްދާކަމަށެވެ.
އެ އިދާރާއިން މި މަސައްކަތް ފަށާފައިވާއިރު، ދާދިފަހުން މާލޭގައި ވަނީ ޕެލެޓްއެއްގައި ފައި އަޅައިގަނެގެން ވެއްޓި، އަންހެނެއްގެ ފައި ބިނދިފައެވެ.
ސިޓީ ކައުންސިލްގެ މި ކުއްލި ނިންމުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެތަކެެއް އުދަގުލަކާ ކުރިމަތިލާންޖެހޭނެކަމަށް އެފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.
އެގޮތުން ވީލްޗެއަރ ފަދަ ތަކެތި ބޭނުންކުރާ ފަރާތްތައް ބައެއް ގެތަކުގައި އުޅޭއިރު، އެފަރާތްތައް އެ ގެތަކަށް ވަނުމަށް ބޭނުންކުރެވޭ ރޭމްޕްތައް ނެގުމުން އެފަދަ ފަރާތްތަކަށް ބޮޑެތި ގެއްލުންވާނެކަމަށް އާންމުންދަނީ ބުނަމުންނެވެ. އަދި ޕެލެޓްތައް ނެގުމުގެ ބަދަލުގައި ގޭގޭގެ ދޮރުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް ޕާކްކުރުން ހުއްޓުވުމަށްވެސް ދަނީ އެދެމުންނެވެ.
"މި ފެންނަނީ މައްސަލައަށް ހައްލު ހޯދައިނުދީ ކޮއްލާ ޓުވީޓަކުން، ދިމާވާ ހާދިސާއަކުން ޖަޒްބާތުގަ ތިބެ ގޮތް ނިންމާތަން. އެހެން ކަންކަމަށް ފޯރަމް ބާއްވާފަދައިން މިކަމަށް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ" ޢާންމު ރައްޔިތެއް ވާހަކަދައްކަމުން ބުނެފައިވެއެވެ.
ގަރާޖް، ގުދަން އަދި ސައިކަލް ވެއްދޭ ގޯޅި ފަދަ ތަންތާކުރިމަތީ ޕެލެޓް ބަހައްޓަމުން އަންނަނީ މިފަދަ ތަންތަން ބޮލޮކް ވާގޮތަކް ޕާކުކުރަމުން އަންނާތީއެވެ. މިހާތަނަށް މިމައްސަލަ ހައްލުކުރުމަށް ޓްރެޕިކް ފުލުހުންނާއި، ސިޓީ ކައުންސިލުން ކޮށްފައިވާ އެދެވޭ މަސައްކަތެެއް ނެތްއިރު މިއީ ޢާންމުންނަށް އެސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެތަކެއް ދަތިތަކާއި ކުރިމަތިލާންޖެހޭނެކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް