ނިއުޔޯކްގެ މޭޔަރު، ޒޮހްރަން މަމްދަނި
ނިއުޔޯކްގެ މޭޔަރު، ޒޮހްރަން މަމްދަނި
ދުނިޔެ 19 Jul 2026 | 05:22

ނަތަންޔާހޫ ނިއުޔޯކަށް އައިސްފިނަމަ ޤާނޫނީ ގޮތުން ހައްޔަރުކުރެވޭނެ މަގެއް އެބަ ހޯދަން: މަމްދާނީ

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސެޕްޓެމްބަރުގައި އދ. ގެ ޢާންމު މަޖިލީހަށް ނިއުޔޯކަށް އައިސްފި ނަމަ ޤާނޫނީ ގޮތުން ހައްޔަރުކުރެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ބުނެފިއެވެ.

ނިއުޔޯކް ޓައިމްސްގެ ޕޮޑްކާސްޓަކަށް ދިން ބަސްދީގަތުމެއްގައި މަމްދާނީ ހާމަކުރި ގޮތުގައި އެ ކަމާ ގުޅޭ ގޮތުން އޭނާގެ ޤާނޫނީ ޓީމާ ހަރަކާތްތެރިކަމާ އެކު މަޝްވަރާ ކުރެވެމުން އެބަ ދެއެވެ. މޭޔަރުކަމުގެ ކެމްޕެއިނުގެ ތެރޭގައި ވެސް މަމްދާނީ ވަނީ މިކަން ކުރާނެ ކަމުގެ ވައުދުވެފައެވެ.

"ބޮޑުވަޒީރު ނަތަންޔާހޫ ހައްގު ތަނަކީ ދަ ހޭގް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އޭނާއަކީ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއް. މި ފެންނާނީ ގިނަ ބަޔަކު ވެސް މި ރައުޔު ގެންގުޅޭ ތަން "  މަމްދާނީ ބުންޏެވެ.

ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ހޯދާނެ ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން މަމްދާނީ ބުނީ "ޤާނޫނީ ދާއިރާގެ ބޭރުން ކަންކަން ކުރުމަކީ ޝައުޤުވެރިވާ ކަމެއް ނޫން" ކަމަށެވެ.

ޣައްޒާގައި ހިނގަމުންދަނީ ގަތުލުޢާންމެއް ކަމަށް މަމްދާނީ ތަކުރާރުކޮށް ސިފަކޮށްފައިވެއެވެ. އެމެރިކާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު މައިކް ވޯލްޓްޒް ވަނީ މޭޔަރުގެ ވާހަކަތައް "ސިޔާސީ ޑްރާމާއެއް" ކަމަށް ސިފަކޮށްފައެވެ.

2024 ވަނަ އަހަރު ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫ އާއި އިޒްރޭލުގެ އެހެން ލީޑަރުން ހައްޔަރުކުރަން އަމުރު ނެރުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެއްގެ ހަމަލާތަކާ ގުޅިގެން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައެވެ.

ޓްރަމްޕާއި ކުރީގެ ރައީސް ޖޯ ބައިޑެން ވެސް އެ އަމުރު ކުށްވެރިކުރިއެވެ. އެމެރިކާއިން ރޯމް ސްޓެޓިއުޓް ތަސްދީގުކޮށްފައި ނުވާ އިރު ޓްރަމްޕް ސަރުކާރުން ދަނީ އެ ކޯޓާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ އެ ކޯޓު "ރޫޅައިލާނެ" ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް