މެޖިސްޓްރޭޓް ރާޣިބު ސަސްޕެންޑަކޮށްފި
ކ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ސަސްޕެންޑުކުރުމަށް މިއަދު ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގައި ނިންމައިފިއެވެ.
އެކޮމިޝަނުން މިއަދު ވަނީ ރާޣިބުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅަން ވެސް ނިންމާފައެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވިދާޅުވީ، ރާޣިބު ސަސްޕެންޑް ކުރަން ނިންމީ، އޭނާގެ ސުލޫކީ މައްސަލަތަކެއް ބަލަމުން އަންނައިރު އޭނާ ވަޒީފާއަށް ނުކުތުމުން ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީކަމަށެވެ. އެގޮތުން ރާޣިބު ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް ޒަހީނު ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ، އެ މައްސަލަައިގެ ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގައި ޖިނާއީ ކަންކަން ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ކޮމިޝަނަށް ޖިނާއީ ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ނެތުމުން އެކަންކަން އިތުރަށް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ރާޣިބުގެ ސުލޫކީ މައްސަލައިގައި އޭނާގެ ބަޔާން ނަގާފައިވާ ކަމަށާއި ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ބަޔާންވެސް ނަގާފައިވާ ކަމަށް ޒަހީނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ހުށަހަޅަމުންދާ އިރު އެމައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ގިނަކަން ފާހަގަކުރެވިގެން، އެފަދަ މައްސަލަތައް އަންނަނީ ކޮން ގޮތަކުންތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އަދި މިއަދުގެ ބައްދަލުވުމުގައި ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއެއް ބެލުމަށްފަހު އޭނާއަށް ނަސޭހަތް ދިނުމުގެ ފިޔަވަޅު އަޅަންވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް