ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަންކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަންކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ބުނީ، ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަފްތަރު އެކުލަވާލުމަށް މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ، ދަނޑުވެރިކަމުގެ އެކި ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ މީހުންގެ ކަމަށެވެ.
މިގޮތުން މީގެ ތެރޭގައި ހިމެނެނީ ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތަކުގެ އިތުރުން ގަސް ހައްދާ ވިއްކާފަރާތްތައް ކަމަށެވެ. މީގެ އިތުރުން ވިޔަފާރި އުސޫލުން މިފަދަ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ މައުލޫމާތު ނެގުމަށްވެސް ވަނީ ނިންމާފައެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަފްތަރުވާން އެދޭ ފަރާތްތަކުން އަންނަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމް ފުރުމަށްފަހު މިނިސްޓްރީއަށް މެއިލްކުރުން އެދޭކަމަށެވެ.
މި ދަފްތަރު އެކުލަވާލުމުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް