ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ގެނައި އިސްލާހު، ރައީސް ތަސްދީގު ކުރައްވައިފި
ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީގް ކުރައްވާފައިވަނީ މިއަދު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.
މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެންނެވި މި އިސްލާހާ ގުޅިގެން، މި ޤާނޫނުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް