ބެންކޮކްގައި ބަޑިން ހަމަލާދިން މީހާ.. ފޮޓޯ: ސޯޝަލް މީޑިއާ
ބެންކޮކްގައި ބަޑިން ހަމަލާދިން މީހާ.. ފޮޓޯ: ސޯޝަލް މީޑިއާ
ދުނިޔެ 28 Jul 2025 | 07:46

ބެންކޮކް މާރުކޭޓެއްގައި ބަޑިޖަހައި 6 މީހަކު މަރާލައިފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މިއަދު ހެނދުނު ބަޑިން ހަމަލާދީ 6 މީހަކު މަރާލައިފިއެވެ.

ތައިލެންޑްގެ މީޑިއާތަކުން ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާ މާރުކެޓެއްގެ ތެރޭގައެވެ. އެއީ މަޝްހޫރު އޯތޯކޯ މާރުކޭޓެވެ. ބަޑިހިފައިގެން ހުރި މި މީހާ 6 މީހަކަށް ބަޑިން ހަމަލާދީ މަރާލާފައިވާއިރު، ހަމަލާދިން މީހާވެސް ވަނީ މަރުވެފައެވެ. މަރުވީ ކޮންކޮން ބައެއްކަމެއް އަދި ސާފެއް ނުވެއެވެ.

ރޮއިޓާސްއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެވަގުތު މާރުކޭޓުތެރޭގައި އެއްޗެހި ވިއްކަމުންދިޔަ މީހުންނާއި ސެކިއުރިޓީގެ ކަންކަމުގައި ހަރަކާތްތެރިވި މީހުންކަމަށެވެ. ބަޑިން ހަމަލާދިން މީހާ މަރުވެފައިވަނީ އަމިއްލައަށްކަމަށް ހަބަރު ލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ.

ބެންކޮކްގެ އޯތޯކޯ މާރުކޭޓަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ މާރުކޭޓެކެވެ. ތައިލެންޑްގައި މިފަދަ ހަމަލާތައް ދިނުމަކީ އާއްމުކަމެއް ނޫނެވެ. ނަމަވެސް ބަޑި ގެންގުޅުމުގެ ގަވާއިދުތައް ހުރިގޮތުން މިފަދަ ކަންކަން ކުރަން އެހާ އުނދަގޫނުވާނޭކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ތައިލެންޑްގެ މަޝްހޫރު މާރުކޭޓެއްގައި ދިން ބަޑީގެ ހަމަލާއެއްގައި 6 މީހަކު މަރާލާފައިވާއިރު، ތައިލެންޑާ ކެމްބޯޑިއާ މަޝްރަހް ވަނީ ވަރަށް ހޫނުވެފައެވެ. ނަމަވެސް އެކަމާ މި ހާދިސާއާ ގުޅުމެއް ވާކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް