ވަޒީފާއިން ވަކިކުރި މައްސަލައިގައި ޝިމްހާޒް ކޯޓަށްދަނީ
ސާރވިސް ޗާޖާއި ބެހޭގޮތުން ފޭސްބުކް ޕޭޖަކަށް މައުލޫމާތު ދިންކަމަށްބުނެ، ހދ.ހޮނޑަައިފުށި ރިސޯޓްގެ ވަޒީފާއިން ވަކިކުރި އަހުމަދު ޝިމްހާޒް އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ނިންމައިފިއެވެ.
ވޮއިސްއަށް މައުުލޫމާތުދެމުން ޝިމްހާޒް ބުނީ މާދަމާގެ ވަގުތެއްގައި އޭނާ މާލެއަށް އައުމަށް ގަސްދުކުރާ ކަމަށާއި، އޭނާއަށް އެހީވާން އެދިގެން ގާާނޫނީ ވަކީލުން އަމިއްލައަށް ގުޅާފައިވާ ކަމަށެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެރަށުގައި ސެކިއުރިޓީ އޮފިސަރެއްގެ ގޮތުން ހަރަކާތްތެރިވާ ހަމައެކަނި ފަރާތްކަމުގައިވާ އަހުމަދު ޝިމްހާޒް ވަކިކޮށްފައިވަނީ އެއް މަސް ދުވަހުގެ މުސާރައަކާއި އެކުގައެވެ. އޭނާ ވަނީ ވަޒީފާއިން ވަކިކުރުމަށްފަހު ފުރުވާލުމަށްޓަކައި ހދ.ހަނިމާދޫއަށް ފޮނުވާލާފައެވެ.
ޝިމްހާާޒަކީ ތ.ގުރައިދޫއަށް ނިސްބަތްވާ ފަރާތެކެވެ.
ވޮއިސްއަށް މައުލޫމާތުދެމުން ޝިމްހާޒް ބުނިގޮތުގައި ރިސޯޓު ބޯއީސް އެފްބީ ޕޭޖްއަށް މަޢުލޫމާތު ހިއްސާ ކުރަނިކޮން ނަގާފައިވާ ވީޑިއޯއެއް މެނޭޖްމަންޓްގެ އަތުގައި އެބައޮތްކަމަށް، އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރާއި އެޗްއާރް މެނޭޖަރ މިއަދު އަންގާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން މަގާމުން ވަކިވުމަށް ސިޓީލުމަށް އަންގާފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"ރިސޯޓުގެ ވާހަކަތައް ދެއްކުމަކީ މަނާކަމެކޭ، ވީހާވެސް އަވަހަކަށް ރިޒައިން ލާށޭ، އަޅުގަނޑު ބުނިން ވަޒީފާއިން ކެނޑެންޖެހޭ އަދި ކަނޑާލަން ޖެހޭ ވަރުގެ ކަމެއް ނުކުރަމޭ، ރިޒައިން ލާންޖެހޭ ސަބަބު ބުނެދޭށޭ، ކަނޑާލަން ބޭނުންވަންޔާ 3 މަހުގެ މުސާރަ ދީފަ ކަނޑާލާށޭ، ދެން އެމީހުން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ސާވިސް ޗާޖާއި މިހިނގާ މަހުގެ ސާވިސް ޗާޖު ޖަމާކޮށްދޭނަމޭ ސިޓީ ލާށޭ“، ޝިމްހާޒު ބުންޏެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތަކުން އޭނާ މިހާރު އެކަހެރި ކުރެވިފައިވާއިރު، އިތުރު މުވައްޒަފުންނަށްވެސް އިންޒާރު ދީފައިވާާކަމަށް ޝިމްހާޒު ވަނީ މައުލޫމާތު ދީފައެވެ.
ޝިމްހާޒު ކިޔައިދިން ގޮތުގައި އޭނާގެ މުސާރައަށް -/4000 ދިވެހި ރުފިޔާ ލިބޭއިރު، އެކަނިމާ އެކަނި ސެކިއުރިޓީއަކަށް އުޅޭއިރު ރިސްކް އެލަވަންސް ވެސް ނުދެއެވެ. އަދި މީގެ އިތުރުން ހެނދުނު 7 ކުން ހަވީރު 5 އަކަށް ޑިއުޓީ ކުރަންޖެހޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ގެސްޓުން ބަލިވެއްޖެ ނަމަ ގޮވައިގެން ހޮސްޕިޓަލަށް ދާދަތުރު ދާންޖެހޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި ނޮވެމްބަރ މަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 11 ޑޮލަރު (169.62 ރުފިޔާ) ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް